މަސްވެރިކަމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް, ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން ފެށުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ކިޔެވުން އެންމެ ފުރަތަމަ ފަށާފައި ވަނީ މިދިޔަ 2024ގެ އޮގަސްޓުގައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަށުން ހިންގަމުން އަންނަ ފިޝަރީޒް ކޮލެޖުން އަންނަ އޮގަސްޓު ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޮގަސްޓު އިންޓޭކުގައި ހަމަސް ދުވަހުގެ ދެ ކޯހެއް ހިންގުމަށް ވަނީ ނިންމައިފައެވެ.

ފުރަތަމަ ކޯހަކީ ގައުމީ ސަނަދުގެ ދެ ވަނަ ގިންތީގެ ކޯހެކެވެ. ސްޕޯޓްސް ފިޝިން ގައިޑިންގެ ނަމުގައި ކުރިޔަށްގެންދަން ނިންމާފައިވާ އެ ކޯހުގެ ކިޔަވައިދިނުމުގެ މުއްދަތަކީ ހަ މަސް ދުވަހެެވެ. އެ ކޯހުގެ ކިޔެވުން ކުރިޔަށްގެންދަންނިންމާފައިވަނީ އެމްއެންޔޫގެ ތިނަދޫ އަދި ކުޅުއްދުފުށި ސިޓީ ކޭމްޕަހުގައެވެ.

ދެވަނަ ކޯހަކީ ގައުމީ ސަނަދުގެ އެއްވަނަ ގިންތީގެ ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލްގެ ނަމުގައި ކުރިޔަށްގެންދަން ނިންމާފައިވާ ކޯހެކެވެ. އެ ކޯހުގެ ވެސް ކިޔެވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށް އެމްއެންޔޫ މާލޭ ކޭމްޕަހުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ޒަމާނީ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

އެ ކޮލެޖުން ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި ކަނޑުގެ ދިރުންތަކާއި ތިމާވެށީގެ ދިރާސާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެއެވެ. އަދި މަސްވެރިކަމުގެ އިގުތިސޯދީ އަދި އިޖުތިމާއީ ކަންކަން އުންގަންނައިދިނުމަށް ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން ބުނެއެވެ.