ދުވަސްވީ މީހުންނާއެކު ވެސް ގޮންޖެހުންތައް ބަލައިގަނެ، މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމަށް އިސްކަންދީ، އެ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްގުވާމީ އާބާދީ ދުވަހާ ގުޅިގެން އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެނަށް ހަމަހަމަ ފުރުސަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މުހިންމުކަމާ މެދު ވިސްނާން ޖެހޭ ކަމަށާއި 2062 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.

"މިކަމުގެ އަލީގައި މި ސަރުކާރަކީ އުމުރުން ދުވަސްވީ މީހުންނާއެކު ގޮންޖެހުންތައް ވެސް ބަލައިގަނެ، މުސްތަގުބަލު ބައްޓަންކުރުމަށް ތައްޔާރުވެފައިވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތުގައި ދެމިއޮންނާނެ ސަރުކާރެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ނިޒާމު ތަރައްގީކުރުމާއި ތައުލީމުގެ ފެންވަރު ރަނގަޅުކުރުމާއި އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދިވެހި ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.