މެލޭޝިއާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ލޯނަށް އިތުރުކޮށްދޭން ނިންމައިފިއެވެ.

މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުން ދައްކާ ކޮލެޖު ފީ އިން ހަ ޕަސަންޓުގެ ޓެކްސްއެއް މިމަހުން ފެށިގެން ނަގަން ވަނީ ނިންމައިފައެވެ. އެ ޓެކްސް ދައްކަން ޖެހެނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުުރުސަތުދޭ އަމިއްލަ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.

ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކާއި ބޭރުގެ ދަރިވަރުންނަށް ފުރުސަތުދޭ ހުރިހާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ، މެލޭޝިއާއިން އަލަށް ނަގަން ނިންމި ޓެކްސްއާ ގުޅިގެން، ސްކޮލާޝިޕްތަކުގެ ދަށުން އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް، އެ ޓެކްސް ފައިސާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ލޯނު ނަގައިގެން އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޓެކްސް ފައިސާ ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ މެލޭޝިއާ އިން ނަގާ ހަ ޕަސެންޓުގެ ޓެކްސްގެ ފައިސާ ސަރުކާރުން އެ ދަރިވަރުންގެ އެކައުންޓަށް ޖަމާކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ދީފައިވާ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވާސިޓީ ނުވަތަ މަރުކަޒުތަކުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމެނުމުން، މިހާރުވެސް ފައިސާ ދައްކަމުންދާ ގޮތަށް އެ އަދަދުވެސް ހިމަނައިގެން، ފައިސާ ދައްކަމުންގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި ބަދަލާ ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިއާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައި،" ހަޔާ އެޑިއުކޭޝަން މިިނިސްޓްރީން ބުންޏެވެ.

އެކަމަށް އެދޭ، ދަރިވަރުން https://forms.gle/LHwgjTf2V5ZBRAuv5 ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުން އެ ފައިސާ ލޯނެއްގެ ގޮތުފައި ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.