ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ތަނެއްގައި ސްމާޓް މީޓަރު ހަރުކޮށް ތިން އަހަރު ތެރޭގައި ނިންމަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓުގައެވެ.

ފަހުމީ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތައާރަފު ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"އަދި މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ. ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފުތާއަކަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ވެސް ފެންނަމުންދާނެ،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގުތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތު ވެސް ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން 35 ރަށަކަށް އަންނަނީ ކަރަންޓު ދެމުންނެވެ. އެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކޮށްފައިވާ އިރު، އެ މަސައްކަތް ނުނިމި މިހާރު ހުރީ ހުޅުމާލެ ފޭސް ދޭއްގައި އެކަންޏެވެ.