ށ. މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަންޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަންޑްސް ކޮމާންޑުން ބަލަމުންގެންދާ އެ މައްސަލައިގެ ތަހުގީގަށް އެ އޮފިސަރުން މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ މިލަންދޫ ޕޮލިހުގެ ބަޖެޓުން ފައިސާތަކެއް އަމިއްލަ އެކައުންޓުތަކަށް ފުލުހުންތަކެއް ޖަމާކުރި މައްސަލައެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާތަކެއް ކަމެއް ކަށަވަރެއް ނުވެއެވެ.