ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރި ކޮމެޓީއަށް ހުށަހަޅާ ސިޓީތަކުގެ ތެރެއިން އިދާރީ މޭޒުން ޖަވާބުދެވޭ ސިޓީތަކަށް އެ މޭޒުން ޖަވާބުދީ އަދި ސިޓީތަކުގެ މަސައްކަތް ހަތަރު ހަފުތާގެ ތެރޭގައި ނިންމައި ޖަވާބު ފޮނުވަން އެ ކޮމިޓީން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު 31ގައި އުފެއްދި އެ ކޮމެޓީއަށް މިހާރު ގާތްގަނޑަކަށް އަހަރެއްވީ އިރު، މިއަދު ވަނީ އެ ކޮމެޓީގެ ދެވަނަ ބައްދަލުވުން ބާއްވައިފައެވެ.
ކޮމެޓީ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތީ ކޮމެޓީއަށް ފޮނުވޭ އެހެނިހެން މައްސަލަތަކާ މެދު އަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށާއި ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެޖެންޑާގައި ފުރަތަމަ އޮތް އެހެނިހެން މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތަކަށް ކަނޑައެޅީ އެހެން ކޮމެޓީތަކުގައިވެސް އަމަލުކުރާގޮތަށް ސިޓީ ލިބޭތާ ހަތަރު ހަފުތާގެ ތެރޭގައި އެ މައްސަލައެއް ނިންމުމަށެވެ. އަދި އެ ނިންމި ގޮތެއް މައްސަލަ ހުށަހެޅި ފަރާތަށް އަދި އަމީންއާންމަށް އެންގުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުނިމޭނަމަ މައްސަލަ ގޮސް އޮތް ހިސާބެއް ލިޔުމުން އަމީންއާންމު މެދުވެރިކޮށް ސިޓީ ފޮނުވި ފަރާތަށް އެންގުމަށެވެ.
ކޮމެޓީގައި ވާހަކަދެއްކި ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށްވީ އެހާ މުހިންމު ކޮމެޓީއެއްގެ މަސައްކަތް ދިގުދަންމާ ކޮމެޓީ ބައްދަލުވުންތައް ނުބޭއްވުމެވެ.
"މުގައްރިރުގެ އަރިހުން އަޅުގަނޑު އެދެން މި ކޮމެޓީ މަދުވެގެން މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ބައްދުލުވުން ކުރެވޭނެ ގޮތެއް އަދި އަޅުގަނޑުމެން އަމިއްލައަށް އިސްނަގައިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ކުރެވޭނެ ފުރުސަތު އަޅުގަނޑުމެންނަށް ހޯދައިދިނުން،" ކޮމިޓީގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވިއެވެ.
"އެހާ މުހިންމު ކޮމެޓީއަކަށްވެފަ އަޅުގަނޑު މުގައްރިރު އަރިހުން އެދެން މަދުވެގެން މަހަކު އެއް ކޮމިޓީ އަދި މަސައްކަތް ލިބޭގޮތުން އެއަށްވުރެ ގިނައިންވެސް ބޭއްވެން އޮންނަންޏާ ބާއްވަން. އެ ފުރުސަތު އަޅުގަނޑު ބޭނުން އަދި އެކަމުގައި އެހެން މެންބަރުންވެސް ދެކޭގޮތް މުގައްރިރާ ހިއްސާކުރުމަކީވެސް އަޅުގަނޑުގެ އެދުމެއް،"
އެއަށްފަހު ކޮމެޓީގެ މުގައްރިރު ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ މަސައްކަތް ލިބޭވަރަކުން ކޮމެޓީ ބައްދަލުވުންތައް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.
"ހާއްސަކޮށް ރައްޔިތުންނާ މިހާ ގުޅުން އޮތް ކަމެއްގައި އެއްވެސް ކަމެއް ފަރުވާކުޑަކޮށް މި ކޮމެޓީއަކުން ކުރިއަކަށް ނުގެންދާނަން،" ފަލާހު ވިދާޅުވިއެވެ.
އޭގެ އިތުރުން އެންމެ މަދުވެގެން މަހަކު އެއް ކޮމިޓީ ބައްދަލުވުން ބާއްވައި ކޮމިޓީއަށް ލިބޭ ސިޓީތަކުގެ މަސައްކަތްކުރަން ނިންމިއެވެ.
އެޖެންޑާގައި ދެވަނައަށް އޮތީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އެގޮތުން ލިބިފައި އޮތް 16 ސިޓީ ވަނީ އެޖެންޑާކޮށްފައެވެ. އޭގެތެރޭގައި އާންމު ފަރާތްތަކުން ފޮނުވާފައިވާ 14 ސިޓީއެއްވެސް ހިމެނެއެވެ.
މެންބަރުން ނިންމެވީ އޭގެ ތެރެއިން އިދާރީ މޭޒުން ޖަވާބުދެވޭ ސިޓީތަކަށް އިދާރީ މޭޒުން ޖަވާބު ދިނުމަށެވެ. އަދި މުޅި ކޮމެޓީ އެކުގައި ބައްދަލުކޮށްގެން ޖަވާބުދޭން ޖެހޭ ސިޓީތަަކަށް ކޮމިޓީ ބައްދަލުވުންތައް ބާއްވައި ޖަވާބު ދިނުމަށެވެ.
އެ 16 ސިޓީގެ ތެރެއިން ކޮމިޓީ ބައްދަލުވުމުގައި މިއަދު ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މިިދިޔަ ޖެނުއަރީ މަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހުށަހަޅާފައިވާ ސިޓީއެވެ. އެ ސިޓީގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކޮށްފައިނުވާ މައްސަލަ އަދި 4000 ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ހަވާލުކޮށްފައިނުވާ މައްސަލަ ފާހަގަކޮށްފައެވެ.
އެ ސިޓީގައި މެންބަރު ވަނީ ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސައްކަތް މިހާރަށްވުރެ ބާރަށް ކުރިއަށް ހިނގާނޭ ގޮތެއް ހައްދަވައިދެއްވައި އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވަނީ އެދިފައެވެ. އަދި އޭގެ އިތުރުން އެ މައްސަލައިގައި ރައްޔިތުންނަށް ބޭނުންވާނެ މައުލޫމާތު ސާފުކުރުމަށާއި އަދި ސީދާ ޖަވާބެއް ކަމާބެހޭ ވުޒާރާތައް މެދުވެރިކޮށް ހޯދައިދިނުމަށް ވަނީ އެދިފައެވެ.
އެ ސިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ސަރުކާރުގެ ވުޒާރާއަކުން ސީދާ ޖަވާބެއް ބޭނުންވެއްޖެނަމަ އެ ޖަވާބެއް ލިބޭނެ ކަމަށެވެ. އެއީ ކޮމިޓީ މެދުވެރިކޮށް ހޯދަންޖެހޭ މައުލޫމާތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސިޓީގައި އެދިފައިވާ ކަންކަމަށް އިދާރީގޮތުން ޖަވާބުދެވޭނެ ކަމަށެވެ. އެހެންވެ އެ ހުށަހެޅުން އޭނާ ހުށަހެޅުއްވިއެވެ.
ދާއޫދުގެ ވާހަކައަށްފަހު މުގައްރިރު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުން ކުރުކޮށްލައި އަންނަ ހަފުތާގައިވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެ ކޮމެޓީ ނިންމާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމުގެ ކޮމެޓީއެއް އުފެއްދީ މިދިޔަ އަހަރު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި، ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާ ގުޅޭ ބިލުތައް ދިރާސާކޮށް، އެ ބިލުތައް ފުރިހަމަކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި، ގެދޮރުވެރިކަމާ ގުޅޭގޮތުން، ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާ ގުޅޭ ކަންކަން ރާވައި ހިންގައި އެނޫންވެސް އެހެން އިދާރާތަކުން ހިންގާ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ ފައިސާއިން ނަށަނީ
އަހްމަދު - 11 މަސް ކުރިން