ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ އެސިސްޓެންޓު މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އަހަދު ހައްޔަރުކުރީ ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކަރެކްޝަންސްއާ ހަވާލުކުރަން ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އަހަދު ހައްޔަރުކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެންކަމެއް ސާފެއް ނޫނެވެ.

އަހަދު ހައްޔަރުކޮށްފައިވާއިރު، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އަހަދުގެ މައްޗަށް މީގެ އަހަރުތަކެއް ކުރި ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދާދިފަހުން ބާއްވާފައިވެސްވެ އެވެ.