ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންނަށް ވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީން ދިވެހި އެމްބެސެޑަރުން ހޯދަނީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ، އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ގުދުރަތީ ރީތިކަން ތަމްސީލުކުރަން ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން ވަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް [email protected] އަށް މެއިލް ކުރަން އެދިފަ އެވެ. ނަމަވެސް ވަކި މުއްދަތެއް ބަޔާންކޮށްފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީން ފަތުރުވެރިކަން ޕްރޮމޯޓުކުރަން ދިވެހި އެމްބެސަޑަރުން ހޯދަން ހުޅުވާލިއިރު، އެ ކުންފުނި ބަނގުރޫޓުވުމާ ދިމާލަށް ދާ ކަމަށް ކުންފުނީގެ މާލީ ހާލަތު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.