މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރެއް ތެރޭ ލިބުނު މާލީ ބޮޑު ގެއްލުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ ހަތަރު އަހަރުގެ ކުންފުނީގެ ގެއްލުން ވަނީ 229 މިލިއަން ރުފިޔާއަށް އަރައިފައެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓުން ސާފުވާ ކަމަކީ އެމްއެމްޕީއާރުސީ ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައި ނުގެނެވި ކުންފުނި ބަނގުރޫޓުވުމާ ހިސާބަށް ދާ ކަމެވެ.
އެމްއެމްޕީއާރުސީން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކުންފުނީގެ ވޭތުވެދިޔަ ހަތަރު އަހަރުގެ މާލީ ރެކޯޑުތަކުން ދައްކާގޮތުގައި ޖުމުލަ 203,891,026 (203.8 މިލިއަން) ރުފިޔާގެ މާލީ ގެއްލުމެއް ކުންފުންޏަށް ލިބިފައިވާ ކަމަށާއި އެ ކުންފުނި މާލީ ގެއްލުމުގެ ހާލަތަކަށް ވެއްޓުނު އެންމެ މުހިންމު އެއް ސަބަބަކީ އެއީ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ މާލީ ގެއްލުމުގެ ހާލަތުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުމެވެ. ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރާ ކުންފުނީގެ ހައިސިއްޔަތުން، މި ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވަމުން ގެންދާނެކަމުގައި ދަންނަވަމެވެ..،" އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ހިއްސާކުރި ކުންފުނީގެ ގެއްލުމުގެ ރެކޯޑު:
- 2020 ވަނަ އަހަރު: 1،624،866- ރުފިޔާ
- 2021 ވަނަ އަހަރު: 141،977،908- ރުފިޔާ
- 2022 ވަނަ އަހަރު: 42،290،590- ރުފިޔާ
- 2023 ވަނަ އަހަރު: 17،997،662- ރުފިޔާ
އެމްއެމްޕީއާރުސީން ބުނީ މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށެވެ. އެހެންނަމަވެސް، މި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ހިންގުން އިސްލާހުކޮށް، އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިހާރު ހިނގަމުންދާ ހަރަދުތައް 10 ޕަސަންޓު ކުޑަކުރެވިފައިވާ ކަމަށާއި އެގޮތުން އެ ކުންފުނިން ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނާޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީއާރު އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ހަމައެކަނި އެ މަސައްކަތުގެ ސަބަބުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"ކުރިން މި ކޯޕަރޭޝަނުގެ ބަޖެޓުގެ ގާތްގަނޑަކަށް 80 ޕަސަންޓު ބޭނުންކުރަމުން އައީ ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށެވެ. ނަމަވެސް މިހާރު މި ކޯޕަރޭޝަނުން މި ހަރަދު ރީސްޓްރަކްޗާކޮށް، 34 ޕަސަންޓު ދަށްކޮށްފައިވެއެވެ. ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން ވެސް، އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކުރަމުން ދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި އަޅުގަނޑުމެންގެ ބައިވެރިވުމާއި ވިޒިބިލިޓީ މިދަނީ ކުރިއެކޭ އެތްގޮތަށް ދަމަހައްޓަމުންނެވެ. މިއީ އިންޑަސްޓްރީ ޕާޓްނަރުންގެ ތަރުހީބު ލިބިގެންދިޔަ ބަދަލެއްކަމުގައިވެސް ފާހަގަކުރަމެވެ..،" އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރުސީން ވަނީ މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުންފުންޏަށް ފައިދާތަކެއް ހޯދެމުންދާކަން ވެސް ފާހަގަކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރެކޯޑު އަދަދެއްގެ ކުރިއެރުންތައް ހޯދަމުންދާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމާއެކު ވެސް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓުން އެނގޭ ގޮތުގައި ކޮވިޑަށް ފަހު ކޮންމެ އަހަރަކު ވެސް އެ ކުންފުނި ހިންގަމުން ދިޔައީ ދައުލަތުން މާލީ ބޮޑު އެހީއެއް ދީގެންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު އެމްއެމްޕީއާރުސީއަށް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އެމްއެމްޕީއާރުސީއަށް މިދިޔަ އަހަރު 22.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އަހަރު ނިންމާލައިފައިވަނީ 27.7 މިލިއަން ރުފިޔާ ގެއްލުމުގައެވެ.
އެމްއެމްޕީއާރުސީގެ ހަރަދުގެ ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފަހު އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތަކެއް ކުރަން ޖެހެއެވެ. އެއީ ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭ މައިގަނޑު ސަބަބެވެ. އެ ކުންފުނީގެ ދަރަނިތައް އަދާނުކުރެވުމަކީވެސް ކުންފުނި ގެއްލުމުގައި ހިންގަން ޖެހޭ ސަބަބެއްކަން ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ކުންފުނީގެ ހިންގުމަށާއި ދަރަނި އަދާކުރުމަށް ދިޔަ ހަރަދުތައް ހިމެނޭހެން 144 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ. އެއީ އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް އެތައް ގުނައެއް ދަށް އަަދަދެކެވެ.
ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ލިވަޕޫލާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށެވެ. އެއީ 13 މާޗު 2025 އިން 13 މެއި 2028ގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ. އެ ކެމްޕޭނަށް އެކަނި އެމްއެމްޕީއާރުސީގެ ބަޖެޓުން 20.6 މިލިއަން ރުފިޔާ މި އަހަރު ވަނީ ކަނޑައަޅައިފައެވެ. އަދި އޭގެ އިތުރަށްވެސް 2.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި ބޮޑު ގެއްލުމެއްގައި އެމްއެމްޕީއާރުސީ ހިންގަން ޖެހޭތީ، ކުންފުނީގެ ހަރަދުތައް ވަނީ މިހާރު ދެ ގުނަ ކުޑަކޮށްފައެވެ. އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެމްބާޝިޕް ފީ ބޮޑުކޮށް އެޑް ވިއްކާ ވަރުވެސް ވަނީ ބޮޑުކޮށްފައެވެ.
މެމްބަޝިޕް ފީ ބޮޑުކޮށް އަދި އެޑް ވިއްކަން ފެށުމުން ކުންފުނީގެ އާމްދަނީ 10-20 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ފެއާ އާއި ރޯޑްޝީގެ ޕާޓިސިޕޭޝަން ފީ ބޮޑުކޮށްގެން މި އަހަރުގެ ތެރޭގައި ޖުމްލަ އާމްދަނީ 49 ޕަސެންޓަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
އަދި ކުންފުނިން ބޭނުން ކުރަމުން ދިޔަ ގުދަނެއް ދޫކޮށްލުމުން ކުއްޔަށް ކުރާ ހޭދަ މަހަކަށް 40،000ރ. އަށް ކުޑަކޮށްފައިވާ ކަމަށާއި ޕްރޮމޯޝަނަލް މެޓީރިއަލް ޕްރިންޓް ކުރާ ވަރު ކުޑަކޮށް، ޝިޕިން އަށް ކުރާ ހޭދަވެސް 1.5 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ބުންޏެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކަލޯ ތިނޫން އަންބާ އެެއް ކިޔާބަލަ، ތީ މާކުރީގެ ރާވަރެކެ ބޮޑުން އެކުރާ ދަތުރު ފަތުރުގެ ހަރަދުވެސް އެއީ ކުރީ ސަރުކާރުން ކޮށްލާފަވާ ހަރަދޭވެސް ބުނާނެ އަދި.
ޭެއެކެރިކާނޯ - 12 މަސް ކުރިން