މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެންޑޯމެޓްރިއޯސިސްގެ ފަރުވާއަށް އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް 1 މިލިއަން ރުފިޔާ ހަރަދުކުރީ 14 މީހަކަށް ކަމަށެވެ. އެމީހުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް އެންޑޯމެޓްރިސޯސިސްގެ ސާޖަރީސްތަކާއި ފަރުވާއަށް ރާއްޖޭން ބޭރަށްވެސް ފޮނުވަމުން މިދަނީ، ހަމަ އެފަދައިން އަޅުގަނޑުމެން މެޑިކަލް ވެލްފެއާގެ ތެރެއިންވެސް އެންޑޯމެޓްރިއޯސިސް ތަހައްމަލު ކުރަމުންދާ ފަރާތްތައް އެކިއެކި ފަރުވާތަކަށް ފޮނުވަމުން އެބަދަން،" އޭނާ ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑު ފާހަގަކޮށްލާނަން މިއަހަރުގެ ޖެނުއަރީން ޖޫންގެ ނިޔަލަށް އަޅުގަނޑުމެން 14 ފަރާތަކަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ވާނީ ފޯރުކޮށްދީފަ. ހާއްސަކޮށް މިފަރުވާގެ އެކިއެކި ކަންކަމަށް ވާނީ ހޭދަކުރެވިފަ،"
އެންޑޯ އެޑްވޮކޭޓްސްގެ ފައުންޑާ ފާތިމަތު ޝަހުނާޒް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމަށް ފޮނުވާފައިވާ ސިޓީއެއް މިއަދު ވަނީ އެ ކޮމެޓީއަށް ހުށަހަޅުއްވައިފަ އެވެ.
އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އައިޖީއެމްޗްގައި ގާއިމުކޮށްފައި ހުންނަ އެންޑޯމެޓްރިއޯސިސް ހާއްސަ ކްލިނިކްގައި ހާއްސަ ސްޕެޝަލިސްޓުން ނެތުމާއި، އިތުރު ފަރުވާއަށް ބޭރަށް ފޮނުވާ ހޮސްޕިޓަލުތަކުގައިވެސް އެބަލީގެ ސްޕެޝަލިސްޓުން ނެތުމެވެ.
އެކަމަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒައިބާ އަހްމަދު ވިދާޅުވީ އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓުން ކިޔާ ދާއިރާއެއް ނޯންނާނެ ކަމަށާއި އެއީވެސް ގައިނީން ކަމަށެވެ. އަދި ބައެއް ގައިނީން އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ޝައުގުވެރިކަމެއް ހުރުމުގެ ސަބަބުން ގިނަ މަސައްކަތްކޮށް ތަޖުރިބާ ހޯދަނީ ކަމަށެވެ.
"އެންޑޯމެޓްރިއޯސިސްގެ ހާއްސަ ތަމްރީނެއް ނުހުރެއޭ މާސްޓާޒް ލެވެލްގެ އެމްކިއުއޭ މި ގަބޫލުކުރާ ކަހަލަ ދެ އަހަރު ތިން އަހަރުގެ އަޅުގަނޑުމެން މި ޓްރެޑިޝަނަލީ ކިޔަވާކަހަލަ، ދެން މި ސިޓީގައި މިއޮތީ އާސަންދައިން ފޮނުވާ ހޮސްޕިޓަލުތަކުގައިވެސް ނުތިބޭ. އޭގެ މާނައަކީ އަސްލު މިހެން ކިޔާ ސްޕެޝަލިސްޓުންނެއް ނުތިބޭކަން،" އައިޖީއެމްއެޗްގެ ގައިނީ ޓީމާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
"ބައެއް ޑޮކްޓާސް ހުރޭ ސްޕެޝަލް އިންޓްރެސްޓެއް އެ ދާއިރާގެ އެ ބަލިމީހުންނަށް ގިނައިން ބަލައި އެ އެކްސްޕީރިއަންސް ހޯދުން. އިންޑިއާގައިވެސް ހުރޭ މިކަހަލަ ބައެއް ކްލިނިކުތައް އެސްޓޭބްލިޝްވެފަ. މިއީ ވަރަށް ބޮޑަށް ކޮމާޝަލީވެސް ޑްރިވެން ވެފަ އޮތް އެއްޗެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ، ޒައިބާ ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައިވެސް އެފަދަ ޝައުގުވެރިކަން ހުންނަ ޑޮކްޓަރުން އެބަތިބި ކަމަށާއި ނަމަވެސް ހަމައެކަނި އެ ބައްޔަށް ހާއްސަވެ ހުންނަން ޑޮކްޓަރުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެންޑޯމެޓްރިއޯސިސް ކްލިނިކްގެ ހިދުމަތްތައް ފުޅާކުރަން މަސައްކަތް ކުރާ ކަމަށާއި އަންނަ މަހު ވެސް ޓްރެއިނިން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން އައިވީއެފް އާއި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސްގެ ފަރުވާ ފޯރުކޮށްދޭން ފެށީ 2023ގެ ޑިސެމްބަރުގަ އެވެ.
އެންޑޮމެޓްރިއޯސިސް އަކީ ރަހިމުގެ އެތެރެފަށަލައިގައި ހުންނަ ޓިޝޫއާ އެއްގޮތް ޓިޝޫތަކެއް ރަހިމުން ބޭރުގައި ހެދޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ފަލަމަސްގަނޑު ސަރަހައްދުގައި ގަދައަށް ރިހުން އުފެދި، މާބަނޑުވުމަށް ދަތިތަކެއް ކުރިމަތިވެއެވެ. އެންޑޮމެޓްރިއޯސިސް ޖެހޭ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މިބައްޔަށް ފަރުވާއެއް ނެތްނަމަވެސް، މީގެ އަލާމާތްތަކަށް ބޭސްފަރުވާ ނުވަތަ ބައެއް ހާލަތްތަކުގައި ސާޖަރީ މެދުވެރިކޮށް ފަރުވާ ދެވެއެވެ.
އާއިޝަތު މާހާ
އެންސްޕާ
އެންސްޕާ
އެންސްޕާ
އެންސްޕާ