އއ. އުކުޅަހުން ދޮށީގެ މަސްވެރިކަމަށް ނުކުތް ބަޔަކަށް މާވަހަރެއްކަމަށް ބެލެވޭ 15 ކިލޯގެ އެއްޗެއް ފެނިއްޖެއެވެ.

އެ މާވަހަރުކަމަށް ބެލެވޭ އެތި ފެނުނު އަހުމަދު ޝަހީމް "ވަން" އަށް މިއަދު ބުނީ މާވަހަރު ފެނިފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ.

"އަޅުގަނޑާއި ރައްޓެހީންތަކެއް ޑިންގީއެއްގައި ދޮށީގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މާވަހަރު ފެނުނީ. ގާތްގަނޑަކަށް 15 ވަރަކަށް ކިލޯ ހުންނާނެކަމަށް ބެލެވޭ" އޭނާ ބުންޏެވެ.

މާވަހަރު ފެނުނީ އުކުޅަހުން ފުރައިގެންގޮސް ފަރުކޮޅާއި ތޮއްޑޫއާ ދޭތެރޭގައި ތިއްބާ ކަމަށް އޭނާ ބުންޏެވެ.

ޝަހީމް ބުނީ މާވަހަރު ފެނުނުކަން ކަމާބެހޭ އެއްވެސް ފަރާތަަކަށް އަދި އަންގާފައި ނުވާނެ ކަމަށެވެ. މާވަހަރު ނެގި ގޮތަށް ބާއްވާފައި އޮތީ ކަމަށާއި ރަށު މީހުން ބުނަނީ އެއީ މާވަހަރެއްކަން ޔަގީންވާ ކަމަށެވެ.

އޭނާ ބުނީ މާވަހަރު ވިއްކާލުމުގެ މަސައްކަތްވެސް އަދި ކުރަމުން ނުދާ ކަމަށެވެ. މާވަހަރު ވިއްކާނީ އެ ގަންނަ މީހުން ކިޔާ ގްރާމަކަށް ހުށަހަޅާ އަގެއް ބެލުމަށްފަހުކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ރަށްރަށުގެ ކައިރީންނާއި މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް މާވަހަރު ފެނިފައި އެބަހުއްޓެވެ. އެގޮތުން ށ. ފީވަކުން 2014 ވަނަ އަހަރު މަސްވެރިކަމަށް ނުކުތް ބަޔަކުވަނީ 300 ކިލޯގެ މާވަހަރެއް ހޮވައިފައެވެ. އެ ރަށު އެހެން ބަޔަކުވަނީ 2019 ވަނަ އަހަރުގެ ތެރޭގައި 50 ކިލޯގެ މާވަހަރެއްވެސް ހޮވައިފައެވެ.

ހދ. ކުމުންދޫގެ ބަޔަކު 2016 ވަނަ އަހަރު 47 ކިލޯގެ މާވަހަރެއް ހޮވިއިރު، 2017 ވަނަ އަހަރު ށ. ފުނަދޫގައި ކުނި އުކާލަން އަތިރިމައްޗަށް ދިޔަ ބަޔަކު 18 ކިލޯގެ މާވަހަރެއް ހޮވާފައިވެއެވެ.