އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރަނީ ރާއްޖެ އެތެރެކުރާ ބޭހުގެ 30 ޕަސެންޓް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެސްޓީއޯގެ އިސްވެރިން މިއަދު ވަނީ އެ ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ބޭނުންވާ ބޭސްތައް ރާއްޖެއިން ނުލިބޭކަމުގެ ޝަކުވާ އަދި ގިނަ ބޭސް އާސަންދައިން ވެސް ނުލިބޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.

އެ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ އެސްޓީއޯއިން ގެންނަނީ ރާއްޖެ އެތެރެކުރާ ބޭހުގެ 30 ޕަސެންޓު ކަމަށެވެ. އުސޫލު އޮންނަ ގޮތުން އެއްވެސް ބޭހެއް އެއް ސަޕްލަޔަރުންނަށްވުރެ ގިނަ ސަޕްލަޔަރުންނަށް ނުގެނެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އެސްޓީއޯގެ ވެރިން ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

"ރާއްޖެއަށް ބޭސް އެތެރެކުރަން މި އޮންނަ އުސޫލަކީ ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓަރީ ކޮށްފިއްޔާ އެފަރާތަށް އެކަނި އެ ބޭސް އެތެރެކުރެވޭނީ. އޭގައި އުޅޭ ދެ މައްސަލައެއް، ފުރަތަމަ މައްސަލައަކީ އެމްއެފްޑީއޭގައި އޮންނަ އުސޫލުން ރާއްޖެ އެތެރެކުރެވޭނީވެސް އެފަރާތަށް އެކަނި، އަނެއްކޮޅުން ސަޕްލަޔަރު ސައިޑުން ސަޕްލަޔަރުވެސް ގިނަފަހަރު އެއް ޕާޓީއަށް ހުއްދަ ދެނީ،" ޝިމާދު ވިދާޅުވި އެވެ.

"ވަރށް ގިނަ ބޭސްތައް އެބަހުރި ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓާކޮށްފަ، ހަމަ އެޕްރޫވްޑް ޑްރަގް ލިސްޓުގަ. އެޕްރޫޕްޑް ޑްރަގް ލިސްޓަށް އަރާނެ ރަޖިސްޓާ ކުރެވުނީމަ، ހުރެފަ ތަފާތު ސަބަބުތަކާ ހުރެ އެފަރާތްތަކަށް އެތެރެ ނުކުރެވުނީމަ އެ ބޭސްތައް ޑޮކްޓަރުން އަދި ލިޔެދެއްވިޔަސް ފާމަސީތަކުން ނުލިބެނީ،"

އޭނާ ވިދާޅުވީ އެގޮތަށް އުސޫލު އޮންނާތީ އެ ބޭސްތައް، އެސްޓީއޯއަށް އެތެރެ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖެނެރިކްކޮށް ބޭސް ލިޔުމަށް ޑޮކްޓަރުންނާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

މިހާރު އެގޮތަށް ޖެނެރިކް ބޭސްތައް އެތެރެކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތަށް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 680 ބޭސް ރަޖިސްޓްރީކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.