ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ.

އެ އުޅަނދު ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރި އެވެ.

ނަމަވެސް އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެ ތެރެއިން އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. ނަމަވެސް ގެއްލުނު ބިދޭސީ މީހާ ފެނިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ބިދޭސީ މީހާ ހޯދުމަށް 1035 ސްކޮޔާ ނޯޓިކަލް މޭލުގެ ސާފޭސް ސާޗުކޮށްފައިވާ ކަމަށާއި 1،496 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް އޭރިއަލް ސާޗުގައި ބަލާފައިވާ ކަމަށެވެ. އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.