ޖަޕާނުން ''ޓުވިޓާ ކިލާ'' މަރާލައިފިއެވެ.

2017 ވަނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ އެޕާޓްމަންޓެއްގައި ނުވަ މީހުން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 34 އަހަރުގެ ޓަަކިހިރޯ ޝިރައީޝީ ނުވަތަ މަޝްހޫރު ނަމުންނަމަ، ''ޓުވިޓާ ކިލާ'' މަރާލާފައިވަނީ އިއްޔެ ޓޯކިއޯގެ ޑިޓެންޝަން ހައުސްގައި ކަމަށް ރިޕޯޓުތައް ބުނެއެެވެ.

ޖަޕާނުގެ ޖަސްޓިސް މިނިސްޓަރު، ކެއިސުކޭ ސުޒުކީ ވަނީ ޓަކިހީރޯ އަށް މަރުގެ އަދަބު ދިނުމުގެ ކުރިން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައިވާކަމަށާއި އޭނާއަށް ދީފައިވަނީ ހައްގު އަދަބު ކަމަށް ވިދާޅުވެފައެވެ.

ޓަކިހީރޯ އަށް މަރުގެ ހުކުމް ކޮށްފައިވަނީ 2020 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ވަނީ އޭނާގެ އެޕާޓްމަންޓުގައި ނުވަ މީހުން މަރާލާފައި ކަމަށް ތަހުގީގުން ޔަގީން ވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. އޭނާ މަރާލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 8 ފިރިހެނުންނާއި އަންހެނަކު ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޓަކިހީރޯ ހައްޔަރު ކޮށްފައިވަނީ ގެއްލިފައިވާ އަންހެނަކު ހޯދަމުން ދަނިކޮށް އޭނާގެ އެޕާޓްމަންޓުން މަރާލާފައިވާ މީހުންގެ ހަށިތައް ފެނުމުން ކަމަށް އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ޓަކިހީރޯ އަށް ''ޓުވިޓާ ކިލާ''ނަމުން ނަންދީފައިވަނީ އެދުވަސްވަރު އަމިއްލައަށް މަރުވުމަށް ބޭނުންވާކަމަށް ޓްވިޓާއިން ފާހަގަވާ މީހުންނަށް އޭނާގެ އެޕާޓްމަންޓަށް ދައުވަތުދީ އެމީހުން މަރާލައި އެމީހުންގެ ހަށިތައް ކޮށައި ހެދުމުންނެވެ.

ޖަޕާނުން ''ޓުވިޓާ ކިލާ'' މަރާލާފައިވާއިރު މިއީ އެގައުމުން ވޭތުވެދިޔަ ތިން އަހަރުތެރޭ މަރުގެ ހުކުމް ތަންފީޒު ކުރި ފުރަތަމަ މީހާ ކަމަށް ރިޕޯޓުތައް ބުނެއެވެ.