އިރާނުން ދުވަހަކުވެސް އަމާން ނުދޭނެ ކަމަށް އެގައުމުގެ ލީޑަރު އާހަތުﷲ ހާމަނާއި ވިދާޅުވެއްޖެއެވެ.

އިރާނާއި އިސްރާއީލު ކުރަމުންދިޔަ ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމަށްފަހު ހާމަނާއި އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާއިން ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް އަމާން ނުދޭނެ ކަމަށާއި 12 ދުވަހުގެ ހަނގުރާމައިގައި ކާމިޔާބު ލިބުނީ އިރާނަަށް ކަމަށެވެ.

ހާމަނާއި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕް ބޭނުންފުޅުވި ގޮތަށް ކަންކަން ނުވި ކަމަށާއި އިރާނުން އަމާންދޭތޯ ކުރި އުންމީދު ހާސިލުނުވި ކަމަށް ހާމަނާއި ވިދާޅުވިއެވެ.

ހާމަނާއީ ވިދާޅުވީ އެމެރިކާއިން ބޭނުންވި އެއްވެސް ކަމެއް ހާސިލު ނުވުމުން ބިރުދައްކައި އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާގައި އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް މާބޮޑު ގެއްލުމެއް ވެފައިނުވާ ކަމަށް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.

އިރާނާއި އިސްރާއީލުން ކުރަމުންދިޔަ ހަނގުރާމަ މެދުކަނޑާާލާފައިވާ އިރު، އެ ހަނގުރާމައިގައި އިސްރާއީލަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، އެގައުމުގެ އާންމުންގެ ގިނަބަޔަކު ގައުމު ދޫކޮށް ސައިޕްރަސް އަށް ބަދަލުވާން މަޖުބޫރުވެފައެވެ.