ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިރޭ 8:20 ހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ކަމަށެވެ.
މަޑުނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ސައިކަލު ޖައްސާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲ (18އ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވި ޔޫނުސް ހަލީލް އަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ފުލުސް އޮފިސަރަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް