އެމެރިކާއާ ޖެހިފައިވާ މައްސަލަ ހައްލުކުރަން ތައްޔާރު ކަމަށް އިރާނުގެ ރައީސް މަސްއޫދު ޕެސްޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އިރާނާއި އެމެރިކާއާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލުކުރައްވަން ބޭނުންފުޅުވާކަމަށް އިރާނުގެ ރައީސް ވިދާޅުވެފައި މިވަނީ ސައުދީގެ ވަލީއަހުދް މުހައްމަދު ބިން ސަލްމާނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ދައުލަތުގެ ރަސްމީ ނޫހުން މިކަން ކަށަވަރުކޮށްދޭއިރު، އެމެރިކާއިން އިއްޔެ ވަނީ އިރާނާއި އިސްރާއީލު ކުރަމުން ދިޔަ ހަނގުރާމަ އަމާން ކުރުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ގެނެސް އެކަން އިއުލާން ކޮށްފައެެވެ.

އިރާނާއި އިސްރާއީލާ ދެމެދު މީގެ 12 ދުވަސް ކުރީން ހަނގުރާމަ ފެށިފައިވަނީ އިރާނާއި އެެމެރިކާއާ ދެމެދު ނިއުކްލިއާ ކަންކަމުގައި މަޝްވަރާތައް ކުރިޔަށް ދިޔަ ދަނޑިވަޅުގައެވެ.

އިރާނުން ވަނީ އިސްރާއީލުން ހަމަލަ ދޭން ފެށުމާއެކު އެމެރިކާއާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓާލާފައެވެ. އަދި އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް އިސްރާއީލުން ހަމަލާ ދީފައިވަނީ އެމެރިކާގެ އަތެއް އޮވެގެން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.