މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ހޯމް މިނިސްޓްރީއަށާއި ހެލްތް މިނިސްޓްރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެކަން ބަޔާންކުރައްވައި ރައީސް، ހޯމް މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި އެ މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ހަތަރު ކަމެއް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެއީ:
- ޔުމްނު ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް ގަޑިއެއްހާއިރު މައުލޫމާތު ދިނުމާއި އެކަމުގެ ސަބަބުން އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެކި، ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައިނުވާކަން؛
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތް ކޮށްފައި ނުވާކަމާއި ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން
ރައީސް އޮފީހުން ބުނީ، މި ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި އެ ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު