ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް މިއަދު ހާޒިރުކުރި ކޮމެޓީ ސިއްރުކޮށްފި އެވެ.
މިއަދުގެ އިގްތިސޯދީ ކޮމެޓީގައި އެގްރީމެންޓާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާކޮށް، އެ އެގްރީމެންޓްގައި ހުރި މައުލޫމާތުތަކާއި އެ އެގްރީމެންޓް ތަންފީޒު ކުރުމަށް ކުރާން ޖެހޭ ކަންކަން ދެނެގަނެ އެކަމުގައި މަޖިލީހުން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވަން ވަނީ ނިންމައިފަ އެވެ.
މިއަދުގެ އެ ކޮމެޓީ ބައްދަލުވުން ފެށުމާއެކު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ޕީއެންސީ އަހްމަދު ޒަމީރު ވަނީ އެ ކޮމެޓީގައި "އާންމުކުރަން ބޭނުންނުވާ ވަރަށް ބައިވަރު މައުލޫމާތު ހިމެނޭތީ" ކޮމެޓީ ސިއްރުކޮށް ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ. ޒަމީރުގެ އެ ހުށަހެޅުއްވުމަށް ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ވަނީ ތާއީދުކުރައްވައިފަ އެވެ.
ނަމަވެސް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެން ޒިޔާދު ވަނީ އެ ކޮމެޓީގައި ސިއްރުކުރަން ޖެހޭ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ ކޮމެޓީ ސިއްރުނުކޮށް ކުރިއަށް ގެންދަން ހުށަހަޅުއްވައިފަ އެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުފެނޭ މީގަ ސިއްރުކުރާވަރު ކަމެއް އޮތް ކަމަކަށް. ފްރީ ޓްރޭޑް އެގްރިމެންޓެއްގެ ވާހަކަ މިދައްކަނީ. ސިއްރުކަމެއްގެ ވާހަކައެއް ނޫން. މި އެގްރިމަންޓުގައި ސިއްރުކަމެއް ނެތްނަމަވެސް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭވަރުގެ ވާހަކައަކަށްވާނެ މީތި ސިއްރުކޮށްފިއްޔާ. އަޅުގަނޑަށް އެކަން އެގޮތަށް ފެންނާތީ ދަންނަވާލަން ހަމަ ސިއްރުކުރަން ހެޔޮ ނުވާވަރުކަމެއްކަން މީ،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދުގެ އެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ތާއީދުކުރެއްވި އެވެ.
ނަމަވެސް ކޮމެޓީ ގެންދާނެ ގޮތެއް ނިންމުމަށް އެ ދެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާސްވީ ސިއްރުން ކުރިއަށް ގެންދިއުމަށެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ކޮމެޓީގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އެކަންޏެވެ.
އެ ކޮމެޓީގައި ތިއްބަވަނީ ކޮމެޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހިމެނިވަޑައިގަންނަވާހެން ޖުމުލަ 11 މެންބަރުންނެވެ. އެއީ އެމްޑީޕީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުން އަދި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 7 މެންބަރުންނެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް