ދިވެހި މަސައްކަތްތެރިންނަށް ދޭން ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ލޭބާ މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ޖަނަވަރީ 2022 އިން ފެށިގެން މިހާތަނަށް 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އިރު، މިނިމަމް ވޭޖް މުރާޖައާ ނުކޮށް ލަސްވާ ސަބަބު ހޯދުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ވަނީ މިނިމަމް ވޭޖް މުރާޖައާ ކޮށް ނިންމޭނެ ތާރީހެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެ މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން އެ މަސައްކަތް ކުރުމަށް މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވައިލުމުގެ މަސައްކަތް ފަށައި މިދިޔަ އަހަރުގެ ޖުލައި 3ގައި އާ މިނިމަން ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންއާ ގުޅިގެންނެވެ. އެކަމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް'. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަން ޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭން ޖެހޭ މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ.
- ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން ގަޑިއިރަކަށް 24 ރުފިޔާ ނުވަތަ މަހަކަށް 5000 ރުފިޔާ
- މެދު ފަންތީގެ ވިޔަފާރިތަކުން ގަޑިއަކަށް 33 ރުފިޔާ ނުވަތަ މަހަކަށް 7000 ރުފިޔާ
- ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ގަޑިއިރަކަށް 42 ރުފިޔާ ނުވަތަ މަހަކަށް 8900 ރުފިޔާ
މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަން ޖެހޭ އެއްޗަކަށްވާއިރު ނޮވެމްބަރު، 2021، ގައި މިނިމަމް ވޭޖު ތައާރަފު ކުރި ފަހުން އަދި މިހާތަނަށް ރިވިއުކޮށްފައެއް ނުވެ އެވެ. ރިވިއު ކުރަން ޖެހޭ މުއްދަތު ހަމަވީ ނޮވެމްބަރު، 2023، އަށެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް