ގަލްފު ސަރަހައްދުން ރޭޑިއޯއެކްޓިވްގެ އަސަރު ނުފެންނަ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

އިސްރާއީލާއި އެމެރިކާ ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާއިން ވަނީ އިރާނުގެ ނިއުކްލިއާ ތިން ސައިޓަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އެެމެރިކާއިން ހަމަލާ ދީފައިވާ ނިއުކްލިއާ ފެސިލިޓީތަކުގެ ތެރެއިން ބިމުއަޑީގައި ޔުރޭނިއަމް ފައްކާކުރުމަށް އިރާނުން ބޭނުންކުރާ ފެސިލިޓީއެއް ހިމެނޭ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ނިއުކްލިއާ ތިން ސަރަހައްދަކަށް ދިން ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގައި އެ ސަރަހައްދަށް ރޭޑިއޯއެކްޓިވްގެ އަސަރު ކޮށްފައިވާތޯ ބެލުމަށް ސައުދީގެ ނިއުކްލިއާ އެންޑް ރޭޑިއޯލޮޖިކަލް ރެގިއުލޭޓަރީ ކޮމިޝަން އިން އިއްޔެ ވަނީ ހާއްސަ ތަހުލީލުތަކެއް ކޮށްފައެވެ.

އެ ކޮމިޝަނުން ވަނީ އެ ހަމަލާގައި ލިބުނު ގެއްލުންތަކުގައި ރޭޑިއޯއެކްޓިވްގެ އަސަރެއް ގަލްފުގެ އިތުރުން ސައުދީއަށްވެސް ކޮށްފައި ނުވާކަން ޔަގީން ވާކަމަށް ބުނެފައެވެ.

ކުވައިތުން ވެސް އެ ގައުމުގެ ނެޝަނަލް ގާޑުން ކުރި ޓެސްޓުތަކުން ކުވައިތުގެ ވައިގެ ސަރަހައްދާއި އެ ގައުމުގައި ބޭނުންކުރާ ފެނުގައި ރޭޑިއޯއެކްޓިވްގެ އަސަރެއް ނެތްކަމަށް ވަނީ ފާހަގަކޮށްފައެވެ.