އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 17.0 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު އާމްދަނީގެ ނިސްބަތް ހަ ޕަސަންޓަށް އިތުރުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ކޮންމެ ހަފުތާކުވެސް ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ނެރެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ރޭޓްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ޖުމުލަ 13.2 ބިލިއަން ރުފިޔާވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައެވެ. އޭގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 88.5 އިންސައްތަ ވަނީ އިތުރުވެފައި ކަމަށާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓަށް އިތުރުވެފައިކަމަށް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ގާތްގަނޑަކަށް ނުވަ ޕަސެންޓަށް އިތުރުވެ، އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރުމުން ކަމަށް ރިޕޯޓުގައި ބުންޏެވެ.

މި އިތުރުވުމާއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަ ޕަސެންޓަށް އިތުރުވެފައިކަމަށް ރިޕޯޓުގައި ބުންޏެވެ. އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވަނީ 42.9 ޕަސެންޓަށް އިތުރުވެފައިކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން، އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ދިއުމުގެ ސަބަބުން އެކަމުން ފެންނާން ޖެހޭ އެދެވޭ އަސަރު މިހާރު ފެންނަ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މި އަދަދުތަކުން އެނގޭ ގޮތުގައި، ޓެކްސް ރޭޓުތަކަށް ގެނައި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ނުރަނގަޅު އަސަރެއް ނުކުރާކަމަށް ރިޕޯޓުގައި ބުންޏެވެ.