މި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވާންޖެހޭއިރު، ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަކީ އެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓުންނަށް އެ ޕާޓީއާ ގުޅުމުން މަރުހަބާ ކިޔައިފައެވެ.

އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުއާއި ޑިމޮކްރެޓުން އަލުން ޕާޓީއާ ގުޅެން ނިންމާފައިވާތީ އެ ކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުކުރުމާއެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު ރާއްޖޭގެ އެންމެ ދޮށީ ޕާޓީ ކަމަށެވެ.

"ރާއްޖެ ހަމަމަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ މި ޕާޓީގެ މެންބަރުންގެ ހިތްވަރުންނެވެ. އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާން ޖެހޭ މިފަދަ ވަގުތެއްގައި ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެކެވެ" ފައްޔާޒްގެ ޕޯސްޓުގައިވެއެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ. އެ އެސެމްބްލީގައި އެ ގަރާރު ހުށަހެޅުއްވީ ވިމެން ޑިމޮކްރެޓްސްގެ ލީޑަރު ފާތިމަތު ހަމްދާ އެވެ.

އެ ގަރާރުގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށްވުމާ އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެވޭ ހިނދު، އެ މަގުސަދު ހާސިލުކުރުމަށް އެ ޕާޓީގެ މެންބަރު އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން އެގޮތަށް ނިންމާފައި މިވަނީ، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދި ފަހުން މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.

ނަޝީދު ރާއްޖެ ވަޑައިގެން ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.