ޑޮލަރު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ވަނީ ގާނޫނެއް ހަދައި އެއަށް އަމަލުކުރަން ފަށައިފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޓީއެމްއޭގެ މެނޭޖުމެންޓުން މުވައްޒަފުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ، ޑޮލަރު މާރުކުރުމުގެ ގާނޫނުގެ ސަބަބުން ހުރި ދަތިތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން ނިންމައިފައިވާކަން އަންގައިފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރާނެ ތާރީހެއް ބުނެފައެއް ނުވެއެވެ.
ޓީއެމްއޭގެ މުވައްޒަފުންނަށް ރުފިޔާއިން މުސާރަދޭން ނިންމާފައިވާއިރު، ރާއްޖޭގެ ބައެއް ރިސޯޓުތަކުންވެސް ވަނީ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ހިމެނެއެެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަން ޖެހެއެވެ. އަދި ބޭންކުން އެ ބޭރު ފައިސާގެ ވަކި ޕަސެންޓެއް އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމްއެމްއޭއަށް ވިއްކަންވެސް ޖެހެއެވެ.
ގިންތިތައް:
- ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު