ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަރުކާރުގެ ވެރިންވެސް ޕިރަމިޑް ސްކީމެއް ކަމުގައިވާ ޖީއެމްސީއީ (ޖެމްކިއު) ބޭނުންކުރާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންނެވެ.

ނަމަވެސް ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި އެހެންކަމުން އެ ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށާއި އެއީ ޕިރަމިޑް ސްކީމެއް ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއް ކަމަށެވެ.

"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ މިގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންނެވެ. މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭ ތަމްސީލު ކުރައްވާ މެންބަރެއް ކަމަށްވާ އައްބާސް އެކްސްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 70 ޕަސަންޓް ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ޕޮލިހުންގެ 80 ޕަސަންޓް ބޭފުޅުންނާއި ޖުމުލަ 70 ވަރަކަށް ހާސް ރައްޔިތުން ޖީއެމްސީއީ ބޭނުންކުރާ ކަމަށެވެ. އެކަން ކުރަނީ އޭގެން ނަފާ ލިބޭތީ ކަމަށްވެސް ވިދާޅުވިއެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޖީއެމްސީއީގެ ސަބަބުން ޖީއެމްސީއީ ބޭނުންކުރައްވާ ބޭފުޅުންނަށް ބޮޑުތަނުން ފައިދާވެ، ކަންމަތީ ފިހާރަތަކުގެ ދަރަނި ދައްކައި، ލުއި ލޯނުތައް ދައްކައި، އެ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ވަމުންދާކަން. އެކި މުނާސަބަތުތަކުގައި ރަށްފުށުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ޖީއެމްސީއީގެ ފަރާތުން ބޮޑެތި އަދަދުތަކުން ސްޕޮންސާ ދެއްވާކަން،" އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ޖީއެމްސީއީ ބޭނުންކުރަމުންދާއިރު އެއްވެސް ރައްޔިތަކަށް ގެއްލުން ވެފައިނުވާ ކަމަށެވެ. އަދި ޖީއެމްސީއީއާ ބެހޭ ގޮތުން ނޫސްބަޔާންތައް ނެރުނު ނަމަވެސް ގައުމުގެ ހާލަތު އޮތްގޮތުންނާއި އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖީއެމްސީއީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް ވިދާޅުވިއެވެ.