ވެއްޓުނު އެއާ އިންޑިއާ ފްލައިޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިއްޖެއެވެ.

މިދިޔަ ހަފުތަގެ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ފްލައިޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައިވާ ކަމަށް ތަހުގީގުކުރާ ޓީމުން އިއްޔެ ވަނީ ކަށަވަރުކޮށްދީފައެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް ތަހުގީގަށް އެންމެ ބޮޑު ބާރެއް ލިބޭ ފްލައިޓުގެ ޑާޓާ ރެކޯޑަރުގެ އިތުރުން ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިފައިވާއިރު ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ހަބަރުތައް ބުނެއެވެ.

ފްލައިޓުގެ ޑާޓާ ރެކޯޑަރުން ފްލައިޓު ދުއްވި ވަގުތު އޭގެ ހުރިހާ ޑޭޓާތަކެއް ރައްކާވެފައި ހުންނާނެ އެވެ. އެގޮތުން ފްލައިޓު ދުއްވި އުސްމިނާއި އިންޖީނުގެ މަސައްކަތުގެ މައުލޫމާތުގެ އިތުރުން އެހެނިހެން މުހިންމު މައުލޫމާތު އޭގައި ރެކޯޑުވާނެ އެވެ.

އިއްޔެ ފެނިފައިވާ ކޮކްޕިޓް ވޮއިސް ރެކޯޑަރުގައި ރެކޯޑު ވާނީ ފްލައިޓުގެ ކޮކްޕިޓުގެ އޯޑިއޯގެ އިތުރުން ޕައިލެޓުން ދައްކާފައި ހުންނަ ވާހަކަތަކާއި އެލާމް ތަކާއި އެހެނިހެން މުހިންމު އަޑުތަކެކެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓު އިންވެސްޓިގޭޝަން ބިއުރޯގެ ޓީމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލަތުގެ ތަހުގީގު ޓީމުން ކުރަމުން އަންނަ ތަހުގީގުގެ އިތުރުން އިންޑިއާ ސަރުކާރުގެ ހާއްސަ ކޮމެޓީއަކުން ވެސް އަންނަނީ މި ހާދިސާ ހިނގި ގޮތް ހޯދަމުންނެވެ.

އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރަން ފުރި އެ ފްލައިޓު ވަނީ އަހުމަދުއާބާދުން ނައްޓާލިތަނުން ވެއްޓި ގޮވައިފައެވެ.