ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރު ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައި ސޯޝަލް މިނިސްޓްރީން މިއަދު ބުނީ މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ތާފާސްހިސާބުތަކަށް އެކަނި ބަލައިލި ކަމުގައި ވަނީ ނަމަވެސް، މި ކުޑަކުޑަ އާބާދީގެ 7 އިންސަތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމުގައި ދައްކައެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަމަކީ މީހާގެ ގާބިލުކަމަށް އޭގެ ސަބަބުން އަސަރު ފޯރާ ކަމެއް ކަމަށާއި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމައުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ހާލަތްތައް ވެސް އަންނަ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ އެމީހުންނަށް މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ކުރިއަރައި ދިއުމަށާއި މާނަހުރި ގޮތެއްގައި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކެއް އެޅިގެން ދިއުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާ އެކީ މުޖުތަމައުގައި ދިރިއުޅުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޝާމިލުކުރަނިވި މުޖުތަމައެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ހިޔާލު ހޯދަންވާނެ ކަމަށެވެ. އެގޮތުން، އާއިލާގެ ތެރޭގައި ނިންމާ ނިންމުންތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަގުބަލާ ގުޅުންހުރި ކަންކަން ނިންމުމުގައި، ވީހާވެސް ބޮޑަށް އެމީހުންގެ ބަސް ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް އާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދެއެވެ،" މިނިސްޓްރީން ބުންޏެވެ.

ނުކުޅެދުންތެރިކަމާ ގުޅޭގޮތުން މީހުން އަހުލުވެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގިދާނެ ކަމަށާއި މިފަދަ ޕްރޮގްރާމްތަކުގެ ނަތީޖާއެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އާންމުންގެ ތެރޭގައި އަހުލުވެރިކަން އިތުރުވެ، އެމީހުން ޝާމިލުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ގިނަވެގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގައުމުގެ ކުރިއެރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަމަލީގޮތުން ބައިވެރިކުރުވައި ހިޔާލު ހޯދުމަކީ، ގައުމުގެ އެކި ދާއިރާތައް ހަރުދަނާ ގޮތެއްގައި ހިންގުމަށާއި ޝާމިލު މުޖުތަމައެއް ބިނާކުރުމުގައި އެޅިގެންދާނެ ވަރުގަދަ ފާލަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.