އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަނބިމީހާގެ އެންމެ ފަހުގެ ވަސިއްޔަތް އަދާކޮށްފައި ދަރީން ގާތަށް ދިޔުމަށް ދަތުރުފެށި ބައްޕައެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލަންޑަންގައި ދިރިއުޅޭ 38 އަހަރުގެ އަރްޖުން ޕަޓޯލިއާ އަކީ ފަރުނީޗަރު ޑިޒައިނަރެކެވެ. އޭނާގެ ދެ ދަރީން (8 އަހަރާއި 4 އަހަރު) އަނބިމީހާގެ ދައްތަގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި ގުޖުރާތުގެ ވަދިޔާއަށް ދިޔައީ އަންހެނުންގެ ފަހުގެ ވަސިއްޔަތެއް ފުރިހަމަ ކުރުމަށެވެ. އަނބިމީހާ މަރުވީ މި ހާދިސާގެ ހަފުތާއެއް ކުރީންނެވެ. އޭނާގެ އެންމެ ފަހު ވަސިއްޔަތަކީ އޭނާގެ އަޅި އުފަން ރަށަށް ގެންގޮސްދިނުމެވެ.

ޕަޓޯލިއާ ވަނީ އާއިލާގެ އެހެން މެންބަރުންނާއެކު އެކަމާ ގުޅޭ ހުރިހައި ރަސްމިއްޔާތުތަކެއް ފުރިހަމަކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ލަންޑަންގައި ތިބި އޭނާގެ ދެ ދަރީންނާ ބައްދަލުކުރުމަށް އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 އަށް އަރައިފައެވެ.

މި ބޯޓުން ޖުމުލަ 242 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި 53 ބްރިޓިޝް ރައްޔިތުން ހިމެނެއެވެ. ބޯޓު ވެއްޓުނީ އަހްމަދާބާދުގެ މެގާނީ ނަގަރު ސަރަހައްދަށެވެ. މި ހާދިސާ ހިނގީ ބޯޓު ފުރިތާ ދެތިން މިނެޓު ތެރޭގައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ވަނީ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މި ހާދިސާއާ ގުޅޭ ހާއްސަ ތަހުގީގެއް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވެފައެވެ.