އެއާ އިންޑިއާ ފްލައިޓު ވެއްޓުނު އިމާރާތުން ފަސް މީހަކު މަރުވި ކަމަށް އޮފިޝަލުން ބުނެފިއެވެ.

އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރު ފެށި ފްލައިޓު ވެއްޓިފައިވަނީ އަހުމަދުއާބާދުން ނައްޓާލިތާ އިރުކޮޅެއްގެ ތެރޭ އެސަރަހައްދުގައި ހުރި މެޑިކަލް ކޮލެޖެއްގެ މައްޗަށް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ގުޖުރާނުގެ އަހުމަދު އާބާދުގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖު މައްޗަށް ފްލައިޓު ވެއްޓުނު ވަގުތު އެ އިމާރާތުގައި ދަރިވަރުން ތިބީ މެންދުރު ކެއުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާގައި މެޑިކަލް ކޮލެޖުގައި ކިޔަވާ ފަސް ދަރިވަރަކު މަރުވެފައިވާއިރު ގިނަ އަދަދެެއްގެ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓު ވެއްޓުމާއެކު އެ ސަރަހައްދުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ވެފައިވެއެވެ.

އޮފިޝަލުން ވަނީ އެ ހާދިސާގައި މެޑިކަލް ކޮލެޖުގައި ކިޔަވާ 40 ޑޮކްޓަރަކަށް އެެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ބައެއް ޑޮކްޓަރުންގެ ހާލު ސީރިއަސް ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.