ނިމިދިޔަ އަޟްހާ އީދު ބަންދުގައި ސްކޭމްތަކުން ދެ ލައްްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިއަހަރުގެ މާޗު 17 ގައެވެ.

އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކުރިއެވެ.

އެ ސްކޭމްތަކުގައި އެންމެ ގިނައިން ރިޕޯޓުުކުރީ ހުއްދަ ނޫން ޓްރާންސެކްޝަން އަދި އީ-ކޮމާސް ސްކޭމްތައް ކަމަށެވެ. އެކަމަށް އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމްތަކަކީ ވައިބާ އަދި ފޭސްބުކް މާކެޓްޕްލޭސްތައް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އެހެންކަމުން އޮންލައިންކޮށް ފައިސާ ދެއްކުން ނުވަތަ ގަތުމުގެ ކަންކަން ބެލެހެއްޓުމުގައި ސަމާލުވުމަށާއި އެފަދަ ޕްލެޓްފޯމްތަކުގައި ބައިވެރިވުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކުރެއެވެ.

އެ ސެންޓަރުން ބުނީ އެ ހަފުތާގައި ޖުމުލަ 270,270.58 ރުފިޔާ ގެއްލިގެން ރިޕޯޓުކުރި ނަމަވެސް އެ ސެންޓަރުން ކުރި ރިކަވަރީ މަސައްކަތުން 75،776.29 ރުފިޔާ ކާމިޔާބުކަމާއެކު ހޯދާފައިވާ ކަމަށެވެ. އެއީ އެ ސެންޓަރަށް ހުށަހަޅާފައިވާ ސްކޭމް މައްސަލަތަކުގެ ތެރެއިން 11 ޕަސެންޓު ކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

މިދިޔަ މަހުގެ 27 އިން މި މަހުގެ ދެވަނަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ސްކޭމްގެ 35 މައްސަލަ ހުށަހަޅައިފައިވެއެވެ. އެއީ، އީ-ކޮމާސް ސްކޭމްގެ 18 މައްސަލަ، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ އަށް މައްސަލަ، ވިޝިން ސްކޭމްގެ ފަސް މައްސަލައިގެ އިތުރުން ފިޝިން ލިންކް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ ދެ މައްސަލައެވެ.

އެ ހަފުތާގައި ސްކޭމްކޮށްގެން އެކި މީހުންގެ އަތުން 673،402 ރުފިޔާ ފޭރިގެންފައިވާ އިރު، 142،851 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.