ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފިއެވެ.

އާތިފް އެ މަގާމަށް އައްޔަނުކުރީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

އާތިފް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމު ހިމެނެއެވެ.

އާތިފަކީ، ރާއްޖޭގެ އިގުތިސޯދު ދިރާސާކުރައްވާ މާހިރެކެވެ.

ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގާ މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މި އަހަރު އެ ކުންފުންޏަށް ބިދޭސީ ސީއީއޯއަކު ވެސް އައްޔަނު ކުރިއެވެ. ނަމަވެސް އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މިހާރު މިފްކޯގެ ސީއީއޯއަކީ، ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހެވެ.