އިންޑީއާގެ މަނިޕޫރުގައި ކާފިއު އިއުލާންކޮށް އިންޓަނެޓު ކަނޑާލައިފިއެވެ.

އިންޑީއާގެ އިރު އުތުރުން އޮންނަ މަނިޕޫރުގައި ދެ ގުރޫޕެއް ދެމެދު އަހަރުތަކެއް ވަންދެން ހިނގަމުންގެންދާ ހަމަނުޖެހުން އިތުރަށް ގޯސްވުމާ ގުޅިގެން އެސްޓޭޓުގެ ސަރުކާރުން މިވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.

މަނިޕޫރުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް އިންޑިއާގެ ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ އިރު، އެގުރޫޕުތަކަށް ނިސްބަތްވާ އިސްފަރާތްތައް ހައްޔަރުކުރުމުން، އެމީހުންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މުޒާހަރާތައް ކުރަން ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމުޒާހަރާތަކުގައި އިމާރާތްތަކާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއްދީ އެސްޓޭޓްގެ އަމަން ނަގާލާފައިވާ ކަމަށެވެ.

ދެހާސް ތޭވީސް ވަނަ އަހަރުން ފެށިގެން މަނިޕޫރުގެ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން މިހާތަނަށް 250 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ''ސީބީއައި'' އިން ވަނީ މިފަހަރު ހަމަނުޖެހުން އިތުރުވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކަމަށާއި ގާނޫނު ތަންފީޒު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކާފިއު އިއުލާންކޮށް އިންޓަނެޓް ހިދުމަތް ކަނޑާލާފައިވާ ކަމަށެވެ.

އިންޑިއާގެ އިދިކޮޅުން ވަނީ މަނިޕޫރުގައި ހަމަނުޖެހުން އިތުރުވެފައިވަނީ ސަރުކާރުން އެކަމުގައި ނުރަނގަޅު ފިޔަވަޅު އެޅުމުން ކަމަށް ބުނެފައެވެ. އެގޮތުން އިސް މީހުން ހައްޔަރުކުރުން އެއީ ހައްލު ނޫން ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.