ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޕަބްލިކް އޮފް ކޮރެޔާ (ދެކުނު ކޮރެޔާ) ގެ އިންތިހާބީ ރައީސް ލީ ޗޭއި-މައިޔޮންގް، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެއްވުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދެކުނު ކޮރެޔާގެ އިންތިހާބީ ރައީސަށް، ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެފައިވާ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއަކީ ގައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިހާބީ ރައީސް ލީގެ ތަސައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ރައީސް މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އިންތިހާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަމަސަލަސް ކަމަށް ވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.