ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އިތުރު ބަދަލެއް ގެނެސް، އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކައި އޮތް ސަރަހައްދުންވެސް ގޯތިތައް ދޫކުރިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކައި، 3،520 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

އަދި ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭނެއް މި ސަރުކާރުން މި މަހުގެ 16 ގައި އާންމުކުރި އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ލޭންޑް ޔޫޒް ޕްލޭނަށް ފަހުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަނީ ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް ރިއާޔަތްކޮށް ކަމަށާއި އެއީ ގޯތި ލިބޭ ސަރަހައްދުތަކަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށެވެ.

މިނިސްޓްރީން ބުނީ ގުރުއަތުލުން ބާއްވަން ނިންމާފައި ވަނީ މިއަދުގެ މެންދުރު 2:30 އިން ފެށިގެން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށާއި އެ ސަރަހައްދުގައި މިހާރު ވަނީ ޓެންޓެއް ޖަހައި ގުރުއަތު ލާން ދާ މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިފައި ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގުރުއަތުލައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންގެ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މިނިސްޓްރީގެ މުވައްޒަފުންނެވެ. އަދި ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަށް ގުރު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ގުރުލުމަށް ފޮނުވާ ނަމަ، އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ގެނައުމުން އެކަން ހަމަޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ގުރުނެގުން ކުރިއަށް ގެންދާ ވަގުތު ޕްލޮޓްތައް ލިބޭ މީހުންގެ މައުލޫމާތު ހިޔާވަހި ޕޯޓަލް އިން ފެންނާނެ ކަމަށާއި ޕްލޮޓް ލިނޭ މީހާ އަށް ވަގުތުން މެސެޖު ލިބޭ ކަމަށެވެ. އަދި ގުރުއަތު ނެގުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކާނެ ކަމަށް ބުންޏެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި ސައިޒުގެ ތަފުސީލް:

  • 1،250 އަކަފޫޓުގެ 684 ގޯތި.
  • 1،650 އަކަފޫޓުގެ 1،242 ގޯތި.
  • 2،050 އަކަފޫޓުގެ 923 ގޯތި.
  • 2،450 އަކަފޫޓުގެ 479 ގޯތި.
  • 2،850 އަކަފޫޓުގެ 158 ގޯތި.
  • 3،250 އަކަފޫޓުގެ 49 ގޯތި.
  • 3،650 އަކަފޫޓުގެ 22 ގޯތި.