ދުނިޔޭގެ އެންމެ ދިގު މަންކީ ޓޭޕްވޯމް ލަންކާ ކުއްޖެއްގެ ހަށިގަނޑުން ފެނިއްޖެއެވެ.

ލަންކާގެ ކުރުނޭގަލާ ޑިސްޓްރިކްޓުގެ ކުއްޖެއްގެ ބަނޑުން ފެނިފައިވަނީ ޓޭޕްވޯމްގެ ބާވަތެއްކަމަށްވާ މަންކީ ޓޭޕްވޯމް އެއްކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ މެޑިކަލް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޑރ ސުރާންގާ ދުލަމުންނާ ވަނީ އުމުރުން 10 އަހަރުގެ އެކުއްޖާގެ ބަނޑުން ފެނިފައިވަނީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ދިގު މަންކީ ޓޭޕްވޯމް ކަމުގައި ފާހަގަކޮށްފައެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެމުން ޑރ ސުރާންގާ ދުލަމުންނާ ބުނެފައިވާ ގޮތުގައި އެކުއްޖާގެ ހަށިގަނޑުން މަންކީ ޓޭޕްވޯމް ފެނިފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ.

މަންކީ ޓޭޕްވޯމް އެ ކުއްޖާގެ ބަނޑުން ފެނިފައިވަނީ އެކުއްޖާ ބަލިވެގެން ހެދި ޓެސްޓުތަކުން ކަމަށް އޮފިޝަލުން ބުނެއެވެ.

ތަހުލީލުތަކުން ވަނީ އެކުއްޖާގެ ބަނޑުގައި ޓޭޕްވޯމްގެ ބިސްވެސް ހުރިކަން އެނގިފައެވެ.

މީގެ ކުރިން ދުނިޔެއިން ފެނުނު މިބާވަތުގެ ޓޭޕްވޯމްގެ ދިގުމިނުގައި 40 ސެންޓިމީޓަރު ހުރި ކަމަށް ރެކޯޑުތަކުން ދައްކާއިރު އެކުއްޖާގެ ބަނޑުން ފެނިފައިވަނީ 70 ސެންޓިމީޓަރު ދިގު ޓޭޕްވޯމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ކުއްޖާގެ ބަނޑުން ފެނުނު ޓޭޕްވޯމް ނަގައި އިތުރު ތަހުލީލުތަކަށް ޓެސްޓުތައް ހަދަން ފަށައިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.