މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21އ، ވެއްޓުނު ހާދިސާގެ ތަހުގީގަށް ބަންދު ކޮށްފައި ހުއްޓައި މިއަދު ދޫކޮށްލި ރައުދު އަހުމަދު ޒިލާލް، 21އ އަނެއްކާވެސް މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، ރައުދު އަނެއްކާވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ ކޯޓު އަމުރެއް އަދި ނުލިބެ އެވެ.

ރައުދު ހައްޔަރުކުރީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ. އޭނާ މިއަދު ބަންދުން ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާތްތަކެއް ހުރުމުންނެވެ.

ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާ ބަންދު އިތުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން މިއަދު ވަނީ އެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ތާވަލުވެސް ކޮށްފަ އެވެ.

ނަމަވެސް ފުލުހުން، ރައުދު މިއަދު ބަންދުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލަ ބާތިލުކޮށްފަ އެވެ.

ރައުދު ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ފުލުހުން ކުރި އެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތާއި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ، ޖިންސީ ބޭނުން ހިފުމުގެ ކުށް އުނިކޮށްފަ އެވެ.