ދައުލަތުގެ ބެޖެޓުން މިއަހަރު ސަބްސިޑީސްއަށް ކުރި ހޭދަ 21 ޕަސަންޓް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީސްގެ ގޮތުގައިވަނީ 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީސްއަށް ހަރަދުކޮށްފައިވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަމަށް "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ބަޔާންކޮށްފައިވެއެވެ. މިދިޔަ އަހަރާ ބަލާއިރު އެއީ 21.2 ޕަސަންޓުގެ ދަށްވުމެއް ކަމަށް "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ބަޔާންކޮށްފައިވެއެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ގައިވާ ގޮތުން ދައުލަތުގެ އާމްދަނީ މިހާރުވަނީ 14.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ ފަތުރުވެރިކަމާއެކު މުޅި ރާއްޖޭގެ އިގުތިސޯދަށް އަންނަމުންދާ ކުރިއެރުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ބަޔާންކޮށްފައިވެއެވެ. އޭގައިވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ އޯވައޯލް ބެލެންސްގެ ގޮތުގައި ރިކޯޑްކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް ދައުލަތުން މިއަހަރުގެ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދު ދަށްވެ، ބަޖެޓުގެ އޯވައޯލް ސާޕްލަސް ވަނީ 1.9 ބިލިއަން އިތުރުވެފައެވެ.
މިއަހަރަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ އަންދާޒާ ކުރި އާމްދަނީ އާއި ހިލޭ އެހީގެ 35.8 ޕަސަންޓް ވަނީ މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ލިބިފައި ކަމަށާއި އެއީ މިދިޔަ އަހަރަށް ވުރެ 6.8 ޕަސަންޓް އިތުރު އަދަދެއް ކަމަށް ފިސްކަލް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އާމްދަނީގެ 78.0 ޕަސަންޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ އިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 ޕަސަންޓަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކުހާއި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ކަމަށް ބަޔާންކޮށްފައިވެއެވެ.
އާންމު ފަރުދުންގެ ސިއްހީ އަދި އިޖުތިމާއީ ލާބައަށްޓަކައި ނިމިގެންދިޔަ އަހަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ އެކު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިއަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށްވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތަށާއި ޖުމުލަކޮށް މުޅި އިގުތިސޯދަށް އަންނަމުންދާ ކުރިއެރުމާ އެކީ އެހެނިހެން ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް ފިސްކަލް ރިޕޯޓްގައިވެއެވެ.
އެގޮތުން، ނިމިގެންދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު:
- މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 6.8 ޕަސަންޓް އިތުރުވެފައި
- ކޯޕަރޭޓް އިންކަމް ޓެކުހުގެ އާމްދަނީ ވަނީ 4.6 ޕަސަންޓް އިތުރުވެފައި
ފިސްކަލް ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީއާ އެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ ނިމިގެން ދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 ޕަސަންޓް އިތުރުވެފައެވެ.
މީގެ އިތުރުން މިއަހަރުގެ މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ހަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 25 ޕަސަންޓް ހަރަދުކޮށްފައިވާ ކަމަށް ފިސްކަލް ރިޕޯޓްގައި ބަޔާންކޮށްފައެވެ. އެއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 21.8 އިންސައްތަ ދަށް އަދަދެއްކަންވެސް ބަޔާންކޮށްފައިވެއެވެ.
އަދި ނިމިގެންދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ހަރަދުގެ 91.7 ޕަސަންޓް ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ކަމަށް ފިސްކަލް ރިޕޯޓްގައިވެއެވެ.
ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ހަރަދު އެ މުއްދަތުގެ ތެރޭގައި 7.9 ޕަސަންޓަށް އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ހިންގުމުގެ ހަރަދު އެފިޝަންޓް ކުރުމަށް މިއަހަރުގެ ތެރޭގައި ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ފިސްކަލް ރިޕޯޓްގައިވެއެވެ.
- ޖުމުލަ ރިކަރަންޓް ހަރަދު ވަނީ، މި އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 5.2 އިންސައްތައިން ދަށްކުރެވިފައި
- ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ވަނީ 21.2 އިންސައްތައިން ދަށްވެފައި
މީގެއިތުރުން މިއަހަރުގެ ތެރޭގައި ކެޕިޓަލް ހަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ހިންގާފައިވާ ފޮރިން ޑިސްބާސްމަންޓްތައް އިތުރުވެފައިވުމުގެ ސަބަބުން، ޖުމުލަ ކެޕިޓަލް ހަރަދު ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 73.2 ޕަސަންޓަށް ދަށްކުރެވިފައި ކަމަށް ފިސްކަލް ރިޕޯޓްގައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް