ހ. ފެންޓެނޯއީން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 21އ. ގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފިއެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޔުމްނު، ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނުއިރު އޭނާ އާއެކު އުޅުނީ ރައުދު އެވެ.
އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މި މަހުގެ 10 ވަނަ ދުވަހު ރައުދުގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖެހިއެވެ.
އެ މުއްދަތު މިއަދަށް ހަމަވާތީ ފުލުހުން ރައުދު ކޯޓަށް ހާޒިރުކުރުމުން ވަނީ 20 ދުވަހަށް ބަންދުކޮށްފައެވެ.
ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ، މި މަހު އަށްވަނަ ދުވަހުގެ ރޭ ޗެނަލް 13 އަށް ދިން ވީޑިއޯ އިންޓަވިއެއްގައި ބުނެފައިވަނީ އިމާރާތުގެ މަތިން ޔުމްނު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނުގެ ދައްތަ ބުނެފައިވަނީ ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު/ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.
މުހައްމަދު އިޝާން
ޚަބަރު
ޚަބަރު
ޚަބަރު