ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަކުއްޖަކަށް ޖިސްމާނީގޮތުން އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެ ްކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހެއް ކަމަށްވާ ރާޖޭސްވަރީ ސިވަކުމާރް، 24އ އަދި އެޝާ އެންޓޮނެޓޭ، 24އ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ޝާމިލުވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކުލިނިކު ވަގުތީ ގޮތުން އިއްޔެ ވަނީ ބަންދުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ފިޒިއޯ ކުލިނިކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އެކަން ސަމާލުކަމަށް އައުމާއެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް އެ ކުލިނިކުން ބުނެފައިވެއެވެ.
ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯއިން ފެންނަނީ ކުލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް