ގދ. ނަޑެއްލާ އިން މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން/ ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.

ފުލުހުން ބުނީ، އިއްޔެ މެންދުރުފަހު 2:00 އެހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް އާދަމް އިބްރާހިމް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާ ކަމަށެވެ. އަދި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 10:25 އެހާކަންހާއިރު ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުންގެ ޓީމެއް ރޭ ނަޑައްލާއަށް ގޮސް ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައްވެސް ބަލާފައިވާ ކަމަށެވެ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އާދަމް އިބްރާހިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.