ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރުމުގައި ޝާމިލުވި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފިއެވެ.

އެ ކުއްޖާއަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކުރުމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.

އެ ކްލިނިކުން ބުނީ މިކަން ސަމާލުކަމަށް އައުމާއެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލައިގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، އެ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ކުލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯއިން ފެންނަނީ ކްލިނިކްގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.