ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައިޝަތު މުހައްމަދު އަދި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖަނެރަލްކަމުގެ މަގާމަށް ހުސައިން ސާމީ އައްޔަން ކުރައްވައިފިއެވެ.

ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް، އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވި ކަމުގެ މައުލޫމާތު ހާމަ ކުރެއްވީ، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ ކޯޑިނޭޓަރު ޝަފީއު އަހުމަދެވެ.

އޭނާ ވިދާޅުވީ، ޑެޕިއުޓީ ޕީޖީއަކަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެއް ކަމަށެވެ.

އެއީ އެ އޮފީހުގެ އެންމެ ސީނިއާ ވަކީލުކަން ފާހަގަ ކުރައްވައި ޝަފީއު ވިދާޅުވީ، 14 ޑިސެމްބަރު 2011 އިން ފެށިގެން ޕީޖީ އޮފީހުގައި އޭނާ ވަޒީފާ އަދާކުރަމުން ގެންދަވާފައިވާ ކަމަށެވެ.

އެ މަގާމަށް އައިޝަތު މުހައްމަދު އައްޔަން ކުރެއްވުމާ ގުޅިގެން، ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމާއެކު ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީ ޕީޖީން ތިއްބަވާނެއެވެ.

ޝަފީއު ވިދާޅުވީ، އެސިސްޓަންޓް ޕީޖީއަކަށް އައްޔަނު ކުރި ސާމީ އަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އޮފީހުގައި ވަކީލެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެެވެ.

ސާމީ އެ މަގާމަށް އައްޔަނު ކުރުމާ އެކު ޕީޖީ އޮފީހުގައި ޖުމުލަ ފަސް އެސިސްޓަންޓް ޕީޖީން ތިއްބަވާނެއެވެ. އެއީ ސާމީގެ އިތުރުން ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، އަބްދުالله ރާބިއު އަދި މަރިޔަމް ފެޒްލީންއެވެ.