ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް މިނިސްޓަރު ހާޒިރު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އޭނާ ވިދާޅުވީ، މިނިސްޓަރު ކޮމިޓީއަށް ހާޒުކުރަން ހުށަހެޅުއްވީ، އެގްރީމެންޓާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާކޮށް، އެ އެގްރީމެންޓްގައި ހުރި މައުލޫމާތުތަކާއި އެ އެގްރީމެންޓް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ކަމަށެވެ. އަދި އެކަމުގައި މަޖިލީހުން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަޒާދު ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރައްވައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، އެކަމުގައި ކޮމިޓީން ބޭނުންވާ މައުލޫމާތު ދިނުމަށް މިނިސްޓަރު ހިމެނޭހެން، އިކޮނޮމިކް މިނިސްޓްރީގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވާ ކަމަށެވެ.

ނާޒިލްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ.

އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.