މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް، އެމްޓީސީއާ ހަވާލުކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ޓްކްސީ ލައިން ކުރިއަށްގެންދަން އެއްވެސް ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމާފައިނުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޓެކްސީލައިންއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޓެކްސީ ލައިން ފެށުމުގެ ގޮތުން އެމްޓީސީއަށް އެހީތެރިވުމަށް ސަރުކާރުން ނިންމާފައިވަނީ، ކެޕިޓަލް އިންވެސްޓުމެންޓުގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ހަމަޖެހިފައިވަނީ 100 ޓެކްސީއާއެކު ކަމަށެވެ.

ނަމަވެސް އެއީ މިހާރު ޓެކްސީގެ ހިދުމަތް ދެމުންދާ އަމިއްލަ ފަރާތްތަކުގެ މަސައްކަތް ހުއްޓާލުމަށް ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.