ސަރުކާރުގެ ޓެކްސީލައިންގައި ހިމެނޭނީ އެކި ތަންތަނަށް ދަތުރުކުރަން އެކި ސައިޒްގެ ޓެކްސީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ފަށަން ހަމަޖެހިފައިވާ ސަރުކާރުގެ ޓެކްސީ ލައިން، ފެށުމުން މިހާރުވެސް ޓެކްސީ ހިދުމަތްދެމުންދާ ފަރާތްތަކަށް ގެއްލުން ނުވާނެ ކަމަށް ވިދާޅުވެފައިވަނީ އެކަމާ ބެހޭގޮތުން ކުރައްވާފައިވާ އެއްވެސް ދިރާސާއަކަށް ބިނާކޮށްގެންތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެއްވެސް ސަރުކާރަކުން އެފަދަ ހިދުމަތްތައް ފަށަނީ، އެއްވެސް ތަހުލީލެއް ނުވަތަ ސައިންޓިފިކް ރިާޗެއް ނުވަތަ އެނަލަސިސްތަކެއް ހަދައިގެން ނޫން ކަމަށެވެ.
ސަރުކާރުގެ ޓެކްސީލައިނެއް ފަށަނީ ވަރަށް ގިނަ ފަރާތްތަކަކުން ޓެކްސީގެ ހިދުމަތް ބޭނުންވާތީ ކަމަށާއި ބޭނުންވާ ގަޑީގައި ޓެކްސީ ނުލިބޭކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭ މީހުން ބޭނުންވާ ގަޑިތަކުގައި ހިދުމަތް ނުލިބޭތީ ކަމަށްވެސް ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކުން މިހާރު ޓެކްސީ ހިދުމަތްދެނީ، ކަސްޓަމަރުން ބޭނުން ގަޑިތަކުގައި ނޫން ކަމަށާއި ޓެކްސީގެ ހިދުމަތްދޭ ފަރާތްތައް ބޭނުންވާ ގަޑިތަކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ޓެކްސީ ލިބެނީ ހުޅުމާލެއަށް ނުވަތަ އެއާޕޯޓަށް ދަތުރުކުރުމަށް ބޮޑު އަގުގައި ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި އެކި ސައިޒްގެ ވެހިކަލް ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި ހުޅުމާލެ އާއި އެއާޕޯޓަށް ވަކި ސައިޒްތަކެއްގެ އިތުރުން މާލޭގެ ހަނި މަގުތަކަށް ވަދެވޭ ސައިޒްގެ ޓެކްސީ ހިމެނޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓެކްސީ ހިދުމަތުގެ ގަވާއިދެއް ހެދިފައި އޮތް ނަމަވެސް މިހާރު އެއާ އެއްގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށައި، އެ ޑިސިޕްލިން ހިފަހައްޓަން ފެށުމުން އަމިއްލަ ޓެކްސީތައް ވެސް ޑިސިޕްލިން ވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އާރުޓީއެލް އާއި ބަހުގެ ހިދުމަތ ފެށި އިރު ވެސް އިދިކޮޅު ފަރާތްތަކާއި އެކަމާމެދު ނުތަނަވަސް ހިޔާލު ގެންގުޅޭ ފަރާތްތަކުން އިހުތިޖާޖު ކުރި ކަމަށެވެ.
ނަމަވެސް އެ ހިދުމަތް ފެށުމުން ލިބުނު ފަސޭހަތައް މިހާރު ފެންނަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރު ޓެކްސީލައިންގައި ހިމެނޭނީ އެލެކްޓްރިކަލް ވެހިކަލް ކަމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް