މި އަހަރުގެ މެޓް ގާލާގައި އެމެރިކާގެ މަޝްހޫރު އެކްޓްރެސް ޑެމީ މޫރް ވަނީ ފާހަގަކޮށްލެވޭ ހެދުމެއް ލައިގެން އެންމެންގެ ސަމާލުކަން ހޯދައިފިއެވެ. މިއީ ފިރިހެނުންގެ ބޮޑު ޓައީއެއްގެ ސިފައިގައި ހުރި، 1.4 މިލިއަނަށްވުރެ ގިނަ ބީޑްސް ބޭނުންކޮށްގެން ހަދާފައިވާ ހެދުމެކެވެ.

ވޯގް މަޖައްލާއިން ބުނެފައިވާ ގޮތުގައި މި ހެދުން ތައްޔާރުކުރުމަށް 7,600 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެފައިވެއެވެ. ހެދުމުގައި ހިމެނެނީ ބޮލުގެ މަތީގައި ބޮޑު ބޯޅައެއްގެ ސިފައިގައި ހުރި ޓައީގެ ނޮޓަކާއި، ޓައީގެ ކަރުގެ ބައި ސިފަކޮށްދޭ ސްކާޓެކެވެ.

މިއަހަރުގެ މެޓް ގާލާގެ ތީމަކީ "ސުޕަފައިން: ޓެއިލަރިން ބްލެކް ސްޓައިލް" އެވެ. ޑެމީގެ ހެދުމަކީ މި ތީމާ ވަރަށް ގުޅޭ، ކަޅު ނަސްލުގެ މީހުންގެ ފެޝަން ސްޓައިލަށް އަލިއަޅުވާލާ ހެދުމެއް ކަމަށް ހަބަރުތައް ބުނެއެވެ.

މި އަހަރުގެ މެޓް ގާލާގައި ސިޑްނީ ސްވީނީ، މައިލީ ސައިރަސް، ކައިލީ ޖެނަރ، ޒެންޑާޔާ އަދި ކިމް ކަރްޑޭޝިއަން ފަދަ މަޝްހޫރު ތަރިން ބައިވެރިވިއެވެ. ނަމަވެސް ޑެމީގެ ހެދުމަކީ އެންމެ ބޮޑަށް ސަމާލުކަން ލިބުނު އެއް ހެދުން ކަމަށް ހަބަރުތައް ބުނެއެވެ.

ޑެމީ މޫރް ވަނީ މިދިޔަ މަހު ޓައިމް މަޖައްލާގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ހިމެނިފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ ސަބްސްޓަންސް" އިން ގޯލްޑަން ގްލޯބް އަދި އެސްއޭޖީ އެވޯޑް ހޯދައި، އޮސްކާ އެވޯޑަށް ނޮމިނޭޓް ވެފައިވެއެވެ.