އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން އާމިނަތު މުނާ އިސްތިއުފާދެއްވައިފިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުނާ ވަނީ އިސްތިއުފާގެ ސިޓީ މިއަދު ފޮނުއްވައިފައެވެ.

މުނާގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާ މެދު އިހާނެތިކޮށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ފާހަގަކުރެއްވިއެވެ.

މުނާ އިސްތިއުފާދެއްވާފައި މިވަނީ، ސަރުކާރު ކޯލިޝަންގައި އެމްޑީއޭ މިހާރު ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. ރައީސް އެކަން ފާހަގަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން މަސައްކަތްކުރީ އެމްޑީޕީގެ ކޯލިޝަންގައެވެ. ނަމަވެސް ދެވަނަ ބުރުގައި ނިންމުން ބަދަލުކޮށް، ޕީއެންސީއާއެކު ކޯލިޝަން ހެދިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގައި އެމްޑީއޭ މިހާރު ނެތް ކަމަށާއި އޮތީ ޕީއެންސީ އެކަނި ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބެއް ވިދާޅެއް ނުވެއެވެ.

އެމްޑީއޭއާ ބައެއް ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.