ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، ކުޅިވަރު އާބިޓްރޭޝަނަށް ބޮޑު ބަދަލެއް ގެންނަން ފާސްކޮށްފިއެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނު މިއަދު އިސްލާހުވެެގެން ގޮސްފައިވާ އިރު، އެ ގާނޫނީ އިސްލާހުތަކަކީ ކުޅިވަރަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ، ކުޅިވަރު ދެމެހެއްޓެނިވި ގޮތެއްގައި ގުޅި ލާމެހޭނެ އިސްލާހުތަކެއް ކަމަށް އެކި ފަހަރު މަތިން މިނިސްޓަރު އަބްދުﷲ ރާފިއު ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު އެކި ފަހަރު މަތިން ފާހަގަކޮށްފައިވާ ގޮތުގައި، އާ އިސްލާހުތަކާއެކު ކުޅިވަރު އާބިޓްރޭޝަނަށް ބަދަލުތަކެއް އަންނާނެއެވެ. އަދި އެ އިސްލާހުތަކާއެކު އާބިޓްރޭޝަންގެ މަސައްކަތް، ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ގާނޫނު ފަރުމާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އޮތީ ފާހަގަކުރައްވާފައެވެ.
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅި އިރުވެސް އާބިޓްރޭޝަންގެ ކަންތައްތަކެއް ބަދަލު ގެންނަން ހިމަނާފައިވެއެވެ. އެގޮތުން ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހިމަނާފައިވެއެވެ.
އެ މާއްދާއަކީ މައްސަލަ ހައްލުކުރުމުގެ މާއްދާއެވެ. މާއްދާގައި ހިމަނާފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރަންވާނީ އާބިޓްރޭޝަނުން ކަމުގައެވެ. އަދި އެ ދެބަސްވުމުގައި ހިމެނޭ ބައިވެރިންގެ މެދުގައި ވެފައިވާ ކަމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނަމަ، އެފަދަ ދެބަސްވުމެއް ހައްލުކުރަންވާނީ ގާނޫނު ނަމްބަރު 10/2013 (އާބިޓްރޭޝަން ގާނޫނު) ގައި ބަޔާންކުރާ އުސޫލުތަކުގެ ދަށުން ނުވަތަ، އެ އެއްބަސްވުމުގައި ބަޔާންކުރާ އާބިޓްރޭޝަން ފޯރަމަކަށް ހުށަހަޅައިގެން ކަމަށެވެ.
އެހެންނަމަވެސް އެއްބަސްވުމެއް ވެފައި ނެތް ހާލަތެއްގައި، އެފަދަ ދެބަސްވުންތައް ހައްލުކުރުމަށް، ކަމުގެ އިހްތިސާސް ލިބިގެންވާ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް ހިމަނާފައިވެއެވެ.
އެ އިސްލާހު ކޮމިޓީން ދިރާސާ ކުރުމަށްފަހު މާއްދާގެ (ހ) އަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. ކޮމިޓީން ގެނައި އިސްލާހާއެކު މައްސަލަތައް އާބިޓްރޭޝަން ގާނޫނަށް ރިއާޔަތްކުރަން ނުޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް އެ ބަދަލު ގެނައި ސަބަބެއްގެ ގޮތުގައި އިޖުތިމާއީ ކޮމިޓީން ފާހަގަކޮށްފައި ވަނީ، އާބިޓްރޭޝަން ގާނޫނުގައި ވިޔަފާރިތަކުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް ހިމަނާފައިވާ ނަމަވެސް، ކުޅިވަރުގެ ކަންކަމަށް ހާއްސަ ބައެއް ހިމަނާފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރުތަކުގައި ދިމާވާ ދެބަސްވުންތައް ހައްލުކުރުމަށް މިހާރުވެސް އާބިޓްރޭޝަންގެ އެކިއެކި މަރުހަލާތަކުގެ ބޭނުންކުރަމުންދާ ނަމަވެސް، ކުރިން އޮތް ކުޅިވަރު ގާނޫނުގައި އާބިޓްރޭޝަނަށް ވަކި ހާއްސަ މާއްދާއެއް ހިމަނާފައެއް ނުވެއެވެ. އެ ގާނޫނުގައި އާބިޓްރޭޝަން ޕެނަލެއް ހެދުމަށް މަތިކޮށްފައި ވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށެވެ.
އެހެންނަމަވެސް އިސްލާހު ގެންނަން ފާސްކުރި ބިލާއެކު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ޒިންމާތަކުގެ ތެރެއިން އެ މަސްއޫލިއްޔަތު ވަނީ އުނިކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް