ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ކުޅިވަރު ފަންޑް ހިންގާނީ އެކަމަށް ހާއްސަ ބޯޑަކުން ކަމަށާއި ބޯޑުގައި ހިމެނޭނީ ކޮން މެމްބަރުންނެއްކަން ގާނޫނަށް ގެނައި އިސްލާހުގައި ހިމަނައިފިއެވެ.

ރާއްޖޭގެ ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން މަޖިލީހަށް ހުށަހެޅި ބިލް މިއަދު ވަނީ ފާސްކޮށްފައެވެ. އެ ބިލް މިއަދު ފާސްކުރީ ކޮމިޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ކޮމިޓީން ހުށަހަޅާފައިވާ އިސްލާހުތަކާއެކުގައެވެ.

ބިލަށް ކޮމިޓީން ވަނީ ކުޅިވަރު ފަންޑު ހިންގާނެ ގޮތެއް ގާނޫނުގައި ލިޔުމަށް އިސްލާހުތަކެއް ގެނެސްފައެވެ.

ކުޅިވަރު ފަންޑް ރައީސް އިއުލާނުކުރައްވާފައިވާ އިރު، ކުޅިވަރު ގާނޫނުގެ 35 ވަނަ މާއްދާގެ ފަހަތަށް އަށް މާއްދާ އިތުރުކުރުމަށް ބިލު ފުރަތަމަ ހުށަހެޅި އިރުވެސް ހިމަނާފައިވެއެވެ.

އީ ކުޅިވަރު ފަންޑެއް އޮންނަންވާނެ ކަމަ ށްބުނެ އިތުރުކުރަން ނިންމާފައިވާ އަށް މާއްދާއެވެ.

އެގޮތުން ގާނޫނު އިސްލާހުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޅިވަރު ފަންޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކުރަން ބިލުގައި ހިމަނާފައިވާ އިރު، އެ ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި ރާއްޖޭގެ ކުޅިވަރަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމާއެކު، ކުޅިވަރުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުމެވެ.

ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމަށް ބަލާ އިރު، އެ ފަންޑަށް ފައިސާ ވަންނާނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. އެކަންތައްތަކާ އެކު ބިލު މިއަދު ފާސްކުރީ އެ ފަންޑު ހިންގާނީ ބޯޑެއްގެ ދަށުން ކަމަށް ހިމަނައިގެންނެވެ.

އެ ބޯޑަށް ބޭފުޅުން އައްޔަން ކުރަން ޒިންމާ މަތިކޮށްފައި ވަނީ ކުޅިވަރާ ބެހޭ ވަޒީރާއެވެ. އެގޮތުން އެ ބޯޑުގައި ވަޒީރާއެކު އިތުރު، ހަ މެމްބަރުން އައްޔަންކުރަން ހިމަނާފައިވެއެވެ. އެއީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އެކެއްގެ އިތުރުން މާލީ ވުޒާރާ ތަމްސީލުކުރާ އެކެއް، އިގުތިސޯދާ ބެހޭ ވުޒާރާ ތަމްސީލުކުރާ އެކެއް، ކުޅިވަރު ވުޒާރާ ތަމްސީލުކުރާ އެކެއް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެކެއް އަދި ކުޅިވަރު ޖަމިއްޔާތަށް ތަމްސީލުކުރާ އެއް މެމްބަރެކެވެ.

އެކަން އެގޮތަށް ހިމަނާފައިވާ ސަބަބެއްގެ ގޮތުގައި ކޮމިޓީން ބަޔާން ކޮށްފައި ވަނީ، އެ ފަންޑު ހިންގަން މުސްތަގިއްލު ބޯޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ކޮމިޓީއަށް ލަފާ ލިބިފައިވާ ކަމަށާއި އެކަން އޮގޮތަށް އޮތުމަކީ ކޮމިޓީގެ ވިސްނުން ކަމަށެވެ.

ކޮމިޓީން އިތުރު ކޮށްފައިވާ އިސްލާހުގައި ވާގޮތުން، ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ އުސޫލުތަކާއި ބޯޑުގެ ހިންގުމުގެ އުސޫލުތައް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަން ޖެހެއެވެ.