ރާއްޖޭގެ ކުޅިވަރަށް މާލީ ގޮތުން އެހީތެރިވުމަށް، ގައުމީ ކުޅިވަރު ފަންޑު އުފެއްދުމަށް ލާޒިމުކޮށް ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބިލުގައިބުނެފައިވަނީ ކުޅިވަރު ފަންޑުގެ މަގުސަދަކީ، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި ރާއްޖޭގެ ކުޅިވަރަށް ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އެކުލަވާލުމާއެކު، ކުޅިވަރުގެ ގާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓުކޮށް، މަޝްރޫއުތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުން ކަމަށެވެ.
ބިލުގައި ވާގޮތުން އެ ފަންޑު ހިންގާނީ ބޯޑެއްގެ ދަށުންނެވެ.
އެ ބޯޑަށް ބޭފުޅުން އައްޔަން ކުރަން ޒިންމާ މަތިކޮށްފައި ވަނީ ކުޅިވަރާ ބެހޭ ވަޒީރާއެވެ. އެގޮތުން އެ ބޯޑުގައި ވަޒީރާއެކު އިތުރު، ހަ މެމްބަރުން އައްޔަންކުރަން ހިމަނާފައިވެއެވެ. އެއީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން އެކެއްގެ އިތުރުން މާލީ ވުޒާރާ ތަމްސީލުކުރާ އެކެއް، އިގުތިސޯދާ ބެހޭ ވުޒާރާ ތަމްސީލުކުރާ އެކެއް، ކުޅިވަރު ވުޒާރާ ތަމްސީލުކުރާ އެކެއް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެކެއް އަދި ކުޅިވަރު ޖަމިއްޔާތަށް ތަމްސީލުކުރާ އެއް މެމްބަރެކެވެ.
އެކަން އެގޮތަށް ހިމަނާފައިވާ ސަބަބެއްގެ ގޮތުގައި ކޮމިޓީން ބަޔާން ކޮށްފައި ވަނީ، އެ ފަންޑު ހިންގަން މުސްތަގިއްލު ބޯޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ކޮމިޓީއަށް ލަފާ ލިބިފައިވާ ކަމަށާއި އެކަން އޮގޮތަށް އޮތުމަކީ ކޮމިޓީގެ ވިސްނުން ކަމަށެވެ.
ކޮމިޓީން އިތުރު ކޮށްފައިވާ އިސްލާހުގައި ވާގޮތުން، ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ އުސޫލުތަކާއި ބޯޑުގެ ހިންގުމުގެ އުސޫލުތައް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަން ޖެހެއެވެ.
ކުޅިވަރު އާބިޓްރޭޝަނަށް ބޮޑު ބަދަލެއް ގެންނަން ވެސް މި ބިލްގައި ހިމަނާފައިވެއެވެ.
މައްސަލަތައް ހައްލުކުރުމުގެ މާއްދާއެއްގެ ގޮތުގައި ބިލްގައި ހިމަނާފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރަންވާނީ އާބިޓްރޭޝަނުން ކަމުގައެވެ. އަދި އެ ދެބަސްވުމުގައި ހިމެނޭ ބައިވެރިންގެ މެދުގައި ވެފައިވާ ކަމާބެހޭ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނަމަ، އެފަދަ ދެބަސްވުމެއް ހައްލުކުރަންވާނީ ގާނޫނު ނަމްބަރު 10/2013 (އާބިޓްރޭޝަން ގާނޫނު) ގައި ބަޔާންކުރާ އުސޫލުތަކުގެ ދަށުން ނުވަތަ، އެ އެއްބަސްވުމުގައި ބަޔާންކުރާ އާބިޓްރޭޝަން ފޯރަމަކަށް ހުށަހަޅައިގެން ކަމަށެވެ.
އެހެންނަމަވެސް އެއްބަސްވުމެއް ވެފައި ނެތް ހާލަތެއްގައި، އެފަދަ ދެބަސްވުންތައް ހައްލުކުރުމަށް، ކަމުގެ އިހްތިސާސް ލިބިގެންވާ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމަށް ގާނޫނު ހުރަސް ނާޅާ ކަމަށް ހިމަނާފައިވެއެވެ.
އެ އިސްލާހު ކޮމިޓީން ދިރާސާ ކުރުމަށްފަހު މާއްދާގެ (ހ) އަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. ކޮމިޓީން ގެނައި އިސްލާހާއެކު މައްސަލަތައް އާބިޓްރޭޝަން ގާނޫނަށް ރިއާޔަތްކުރަން ނުޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް އެ ބަދަލު ގެނައި ސަބަބެއްގެ ގޮތުގައި އިޖުތިމާއީ ކޮމިޓީން ފާހަގަކޮށްފައި ވަނީ، އާބިޓްރޭޝަން ގާނޫނުގައި ވިޔަފާރިތަކުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް ހިމަނާފައިވާ ނަމަވެސް، ކުޅިވަރުގެ ކަންކަމަށް ހާއްސަ ބައެއް ހިމަނާފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރުތަކުގައި ދިމާވާ ދެބަސްވުންތައް ހައްލުކުރުމަށް މިހާރުވެސް އާބިޓްރޭޝަންގެ އެކިއެކި މަރުހަލާތަކުގެ ބޭނުންކުރަމުންދާ ނަމަވެސް، ކުރިން އޮތް ކުޅިވަރު ގާނޫނުގައި އާބިޓްރޭޝަނަށް ވަކި ހާއްސަ މާއްދާއެއް ހިމަނާފައެއް ނުވެއެވެ. އެ ގާނޫނުގައި އާބިޓްރޭޝަން ޕެނަލެއް ހެދުމަށް މަތިކޮށްފައި ވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށެވެ.
އެހެންނަމަވެސް އިސްލާހު ގެންނަން ފާސްކުރި ބިލާއެކު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ޒިންމާތަކުގެ ތެރެއިން އެ މަސްއޫލިއްޔަތު ވަނީ އުނިކޮށްފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ދުނިޔެ
އެމެރިކާ